ފަންނީ ދާއިރާއިން މީހުން ބިނާކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖޭގެ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)އަށް 2 މިލިއަން ރުފިޔާގެ މާލީ އެހީ ދީފިއެވެ.
ޖަޕާނު ސަރުކާރުން ދެމުން އަންނަ "ގްރާންޓް އެސިސްޓަންޓް ފޯ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" ޖީޖީޕީގެ ދަށުން ފޯރުކޮށްދީފައިވާ މި އެހީގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އިންސްޓިއުޓްގެ ޕްރޮގްރާމް ޑައިރެކްޓަރ އާދަމް ޙަލީމްއެވެ.
މިއީ ކޮލެޖުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ވެދިން އެހީއެއްކަމަށް ޖަޕާން އެމްބަސީން ބުންޏެވެ. އެގޮތުން 87 ޓްރެއިނިންގ އިކުއިޕްމަންޓް ހޯދުމަށްވަނީ ހަމަޖެހިފައިވާކަމަށާއި، މި އެހީގައި އެ އިންސްޓިއުޓްގައި ހިންގާ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ، ލޭންޑް ސަރވޭ، މެކޭނިކަލް އަދި ސިވިލް އިންޖިއަރިންގެ ދާއިރާގެ ކޯސްތައް ފުޅާކުރުމަށް ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ސަފީރު ކެއިކޯ ޔަނާއީ ދެއްކެވި ވާހަކަފުޅުގައި، އެއިންސްޓިއުޓްއަކީ މުހިންމު ތަމްރީންތަކެއް ހިންގޭނެ ތަނެއްނަމަވެސް، އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތްކަން، އެ އިންސްޓިއުޓަށް ކުރި ޒިޔާރަތެއްގައި އެނގިގެން ދިޔަކަމަށެވެ. މި އެހީއަކީ މިފަދަ ގޮންޖެހުންތައް ނައްތާލާ، ވީހާވެސް ގިނަ ދާއިރާތަކުން ތަމްރީން ދިނުމަށް މަގުފަހިކޮށްދިނުމަށް ދޭ އެހީއެއްކަމަށެވެ.
މި އެހީގެދަށުން ޖުމްލަ ދެ މިލިއަން ދިހަހާސް ދުއިސައްތަ ސާލީސް ތިން ރުފިޔާވަނީ ދީފައެވެ. ޖަޕާނުގެ ޖީޖީޕީ ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް އަންނަނީ ބޮޑެތި ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ