ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އެންމެ ކަމެއްނަމަވެސް ދެއްކުމަށް ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރ އަދި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ވަގަށްނެގުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށާއި، ކިތަންމެ ފިއްތުންތަނެއް ކުރިމަތި ކުރިޔަސް، ކޮންމެ ހާލެއްގައިވިޔަސް ވާދަވެރި އެމްޑީޕީ ބަލި ކުރާނެކަމަށް މުޢާޒް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.
ޝަރީފް ވިދާޅުވީ، އިންތިޚަބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮރުވައިގެން ނުވަތަ އޮޅުވާލަންވެގެން ކުރާ އެންމެ ކަމެއްނަމަވެސް ދެއްކެވުމަށް އެދޭކަމަށެވެ. ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަނޭ ކިޔައިގެން ބޭކާރު ވާހަކަ ނުދެއްކުމަށް މުޢާޒަށް އިލްތިމާސްކުރައްވާފައެވެ.
މުޢާޒް މުޙައްމަދު ރަޝީދަށް ޗެލެންޖުކޮށްފައި މިދަންނަވަނީ، އެންމެ ކަމެއް ވިދާޅުވޭ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުންހުރި އިލެކްޝަންސް ކޮމިޝަނުން ފޮރުވައިގެން، އޮޅުވާލަންވެގެން ކުރާ ކަމެއް، އިލެކްޝަންސް ކޮމިޝަނޭ ކިޔާފަ ބޭކާރު ވާހަކަ ނުދައްކަވާ.
– އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެނޑިޑޭޓުންނަށް ހަމަހަމަ ފުރޞަތު ނުދޭކަމަށް ބުނެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް ދާދި ފަހުން ވަނީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތުނެތްކަމަށް ްބުނެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ސިޓީއެއް ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ