ބަންދުކޮށް، ކޯޓަށްދަމައި، ޖަލަށްލިޔަސް މަސައްކަތް ފަހަތަށް ނުޖެއްސޭނެ: އަދުރޭ

ބަންދުކޮށް، ކޯޓަށްދަމައި، ޖަލަށްލިޔަސް މަސައްކަތް ފަހަތަށް ނުޖެއްސޭނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 10:51
0

ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށް ކުރާމަސައްކަތްތަކާއި ގުޅިގެން ބިރު ދައްކުމަށްޓަކައި ބަންދުކޮށް، ޖަލަށްލައި، އެކި ތުހުމަތުތަކުގައި ކޯޓުތަކަށް އިރުއިރު ކޮޅާ ގެންދިޔަ ކަމުގައި ވީނަމަވެސް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި ކަމަށްބުނެ ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑު އެހުމަށްފަހު ނޫސްވެރިންނާއި ވަހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މިފަދަ މަސައްކަތަކީ ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވުމުން ބިރު ދެއްކުމުގެ ގޮތުން ކުރާ ކަންތައްތަކެއް ކަމަށެވެ.

މިވަގުތު ސަރުކާރު ޖަވާބުދަރީ ކުރުމަށްޓަކައި، އަޅުގަނޑުމެން މިގެންދަނީ މަގުމަތީގެ ހަރަކާތްތަކެއް ހިންގަމުން. މިކަމާއި ގުޅިގެން އަޅުގަނޑުމެންގެ ލީޑަރުންނާއި، ޕާޓީގެ ބޭފުޅުން އެކި ތަންތަނަށް ދަމައި ހައްޔަރުކޮށް، ޖަލައްލައި މިސަކަރާތް ޖަހަމުން މިދަނީ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށް ކުރާ މަސައްކަތަކީ ޤާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެކަން ހުއްޓުވައި އިދިކޮޅު އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންތައްތަކެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަޅުގަނޑު މިފުރުސަތުގައިވެސް ދަންނަވާލަން ބޭނުންވަނީ މީގައިން އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ އެއްވެސް ހަރަކާތަކަށް އުނިކަމެއް ހުއްޓުމެއް ނާންނެއޭ. ސަރުކާރު ޖަވާބުދީރީ ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއް ހަމަ ބާރު ސްޕީޑުގައި ކުރަމުން ގެންދާނަމޭ. ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައިފިއްޔާ އެމްޑީޕީ މިފަހަރު ޖެހޭނީ ލަދު ގަންނަން. އަޅުގަނޑުމެން އިންިޚާބު ކާމިޔާބު ކުރާނަން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ ވަނީ މިއަދު އިންކާރުކުރައްވައިފައެވެ. މި މައްސަލާގައި މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ޢަބްދުﷲގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ދައުވާއަށް އަބްދުއްރަހީމް އިންކާރުކުރައްވާކަމަށެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދައުވާ ދައުވާއަކާއި ސާފު ނުވާކަމަށްް ބުނެ ބައެއް ސުވާލުތައް ވަނީ އުފައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.