ހާމިދަށް ވޯޓުހަމަކުރީ ވާޗުއަލްކޮށް ނެގި ސައުދުގެ ވޯޓާއިއެކު

ހާމިދަށް ވޯޓުހަމަކުރީ ވާޗުއަލްކޮށް ނެގި ސައުދުގެ ވޯޓާއިއެކު

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 08:03
0

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހާމިދު ޢަބްދުލްޣަފޫރު ކަނޑައެޅުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ ވޯޓުން ޢައުލަބިއްޔަތު ނުލިބުމުން، ކޮމިޓީއަށް ހާޒިރު ނުވާ މެމްބަރަކަށް ވާޗުއަލްކޮށް ގުޅައިގެން ދިން ވޯޓަކުން ކަން އެގިއްޖެއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ހާމިދު ބޯޑަށް އައްޔަން ކުރުމަށް ކޮމިޓީގެ ތިންބައިކޮށްފަ ދެބައި މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. ނަމަވެސް އެއަދަދަށް ވޯޓު ނުލިބުމުން މިވަގުތު ރަށުގައި ނެތް މެމްބަރަކަށް ވާޗުއަލްކޮށް ގުޅައި އޭނާގެ ވޯޓު ހާމިދަށް ދީގެން ފުލުހުންގެ ބޯޑަށް އައްޔަން ކުރުމަށް ހާމިދުގެ ނަން ފާސް ކުރީ ކަމުގައެވެ.

ހާމިދުއައްޔަން ޕޮލިސް ބޯޑަސް އައްޔަން ކުރުމަށް ކޮމިޓީން ފާސްވީ ވާޗުއަލްކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިގނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދިން ވޯޓާއިއެކުގައެވެ. މި ވޯޓުގައި ކޮމިޓީއަށް ހާޒިރުވިނަމަވެސް ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ތެރެއިން ކޮމެޓީގައި ތިއްބެވި މެމްބަރުން ހާމިދަށް ވޯޓު ދެއްވާފައި ނުވެއެވެ. ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިލިގިލީ ދާއިރާގެ މެމްބަރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި، ހާމިދުގެ ނަން ކޮމިޓީން ފާސްކުރުމަށް ވާޗުކޮށް ވޯޓު ދެއްވާފައިވި ނަމަވެސް، ކޮމީޓީގެ އެއްވެސް މަޝްވަރާއެއްގައި އޭނާ ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އަދި ޕޮލިސް ބޯޑަށް ކުރިމަތި ލެއްވި ބޭފުޅުންނާ ކޮމިޓީން އިއްޔެ އިންޓަވިއު ކުރެއްވިއިރު، އެއްވެސް އިންޓަވިއު ސެޝަނެއްގަވެސް ސައުދު ހުސެއިން ބައިވެރި ވެވަޑައިގެންފައެއް ނުވެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި އެމްޑިޕީއަށް ނިސްބަތްވާ 8 މެމްބަރުން ތިއްބަވާއިރު، ހާމިދަށް ރުހުން ދިނުމަށް 9 މެމްބަރުންގެ ވޯޓު ހަމަކުރަން ޖެހެއެވެ. އިއްޔެގެ ކޮމިޓީއަށް ވަޑައިގެންނެވި އެމްޑިޕީ ނޫން އެހެން ޕާޓީތަކުގެ މެމްބަރުންގެ ތެރޭގައި، ޖުމުހޫރީ ޕާޓީގެ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާއި، ޕީޕީއެމްއަށް ނިސްބަތްވާ، މަޑުއްވަރި ދާއިރާގެ މެމްބަރުން އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.

ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންއަކީ މިވަގުތު މިނިވަން މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.

ފުލުހުންގެ ބޯޑަށް އައްޔަންކުރުމަށް ފާސްކުރި ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ހދ.ހޮނޑައިދޫން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ތަހުގީގުގެ ބޭނުމަށް ފުލުހުންނަށް ކުޑަކަމުދާ ތަކެތި ދިނުމަށް އޭރު އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ވަނީ ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.