ދިވެހި ރާއްޖެއަކީ މިއަދު އަމިއްލަ މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ޤައުމެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދިވެހި ނެޝަނަލް އެކްޝަން އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޚާއްސަ ހަފްލާފައި ވާހަކަ ދައްކަވަމުން ދުންނާ މައުމޫން ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ އަޅުވެތިކަމުގެ ސިފަތައް ކަމަށެވެ. މިނިވަންކަމާއިއެކު ފާއިތުވެދިޔަ ތަނުގައި ދިވެހި ރާއްޖެ އޮތް އޮތުން ނިމުމަކަށް އައިސް ވަކި ޤައުމެއްގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ޤައުމަކަށް މިއަދު ރާއްޖެ ވެފައިވާކަމަށެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނު 1965 ވަނަ އަހަރު ރާއްޖެއިން ސޮއިކުރި މިނިވަންކަމުގެ އެއްބަސްވުން މަތިން މިއަދުގެ ސަރުކާރުން ހަދާންނެތި، މިނިވަންކަން ދީއްލާލާތަން ފެންނަކަމީ ހިތާމަހުރި ކަމެއްކަމަށް ދުންޔާ ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތާއިމެދު އަޅުގަނޑުމެން ލަދު ގަންނަންޖެހޭ. އެތައް އަހަރެއްވީ ފަހުރުވެރި ތަރީހެއް އޮތް ދިވެހި ރާއްޖެ މިއަދު ވަނީ އަޅުވެތި ވެފަ. 1965 ވަނަ އަހަރު ދިވެހި ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިޤައުމެއްގައި ނެތް. އެއަހަރުގެ ޖުލައި 26 ގައި ކުރި މިނިވަންކަމުގެ މުއާހަދާގެ މަތީން ސަރުކާރުން މިވަޏީ ހަދާން ނެތިފަ. ވަކި އެއްޤައުމެއްގެ ކައިރީ ސަލާންޖަހާ ބަޔަކަށްވެފަ.
– ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުން ގެންގުޅޭ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ޚާރިޖީ ސިޔާސަތުގައި ވަކި ޤައުމަކަށް ބަރޯސާވެގެން ކުރަމުންދާ ކަންކަމީ އެކަމުން މުސްތަގު ބަލުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަންތައްތަކެއްކަމަށެވެ. އެއް ޤައުމަކުން ތާއަބަދު ލޯނުތައް ނަގައި ދަރަނި ވެރިވުމަކީ މިކަމުގެ ނޭދެވޭ އަސަރު ދަރީންގެ ދަރީންނާއި ހަމައަށްވެސް ފޯރާނެ ކަމެއްކަމަށް ދުންޔާ ވިދާޅުވިއެވެ.
ސަރުކާރުން އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ދޭންޖެހޭ ސަމާލުކަން ނުދީ ޖިންސީ ފުރައްސާރައައި، ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް ހިއްވަރުލިބޭ ފަދަ ޖާގަ ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ރާއްޖެ ދެކެމުންދިޔަ ޑިމޮކްރަސީގައި އެތައް ތަނެއް ފަހަތަށް ޖެހި ރާއްޖޭގެ ޑިމޮކްރަސީ މުޅިން ޚުދުމުހުތާރު ގޮތަކަށް ބައްޓަން ކުރަމުންދާކަމީ އޮތް ކަންބޮޑުވުމެއްކަމަށެވެ.
މިއަދު ރާއްޖެއިން ފެނިގެންދަނީ ސަރުކާރު ޒިންމާރު ކުރުމަށްވެސް އެކަށީގެންވާ ޒިންމާދާރު އިދިކޮޅުޕާޓީއެއް ނެތި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރަށް ރަނގަޅު ޕްރެޝަރެއް ނުދެވޭތަން ކަމަށާއި، މިފެށޭ ހަރަކާތުން މިކަން ހާސިލް ކުރެވޭކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ