ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން ފަސް މިލިޔަނަށްވުގެ ދަށުގެ 3 މަޝްރޫއުއެއް، ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ.
ކައުންސިލްތަކާއި ހަވާލުކުރެވުނު މަޝްރޫޢުތަކަކީ ހއ.ކެލާ މަސްމާރުކޭޓްގެ މަސައްކަތާއި، ހދ.ވައިކަރަދޫ މަސްމާރުކޭޓްގެ މަސައްކަތާއި، ބ.ފުޅަދޫ ކައުންސިލް އިދާރާގެ މަސައްކަތެވެ. ކޯވިޑް 19އިގެ ސަބަބުން މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށްގެންދެވިފައިވަނީ ޒޫމް މެދުވެރިކޮށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.
2،500،000.00 (ދެމިލިއަން ފަސްސަތޭކަ ހާސް) ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ވައިކަރަދޫ މަސްމާރުކޭޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމްއެވެ. ވައިކަރަދޫ މަސްމާރުކޭޓްގެ މަސައްކަތް 04 ޑިސެމްބަރ 2019 ވަނަ ދުވަހުވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
އެހެން ނަމަވެސް ކައުންސިލަށް، އެންގުމަކާއި ނުލާ، އެއްވެސް މަގުބޫލު އުޒުރެއްނެތި ކޮންޓްރެކްޓަރު ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި، އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި %15 އަށް ވުރެ އިތުރުވެފައިވާތީ، އެ އެގްރިމެންޓުވަނީ މާލިއްޔަތު ގަވައިދުގައިވާގޮތުގެ މަތީން ބާތިލްކޮށްފައެވެ. އެގްރީމެންޓް ބާތިލްކުރިއިރު މަސައްކަތުގެ %24ވަނީ ނިމިފައެވެ. އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން ކައުންސިލުން އެހެން ފަރާތަކާއި ހަވާލުކޮށްގެން ނުނިމި ހުރި މަސައްކަތް ނިންމާލެވޭނެ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއްވައެވެ.
މިއަދު ސޮއިކުރި މިއެއްބަސްވުންތަކުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް އެވެ. ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން ކެލާ މަސްމާރުކޭޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއެވެ. ކެލާ މަސްމަރުކޭޓް މަޝްރޫޢަކީ 2،815،320.04 ދެމިލިއަން އަށްސަތޭކަ ފަނަރަ ހާސް ތިންސަތޭކަ ވިހި ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ