އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރާ ކެމްޕެއިން އަލުންފެށުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބާއްވަން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ކެމްޕެއިން ރީ ލޯންޗިންގ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ޕީޕީއެމް އޮފީހުގައި ކަމަށެވެ. ކައުންސިލް އިންތިޚާބަށް އިދިކޮޅުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ވަރޗުއަލްކޮށް ބައިވެރިވާގޮތަށް ބާއްވާ ޖަލްސާ ކުރިޔަށްދާނީ އެޗްޕީއޭގެ ގައިޑްލައިންއާ އެގޮތަށް ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅުކޯލިޝަނުން ހަމަޖެއްސި ކެމްޕެއިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ޖަލްސާ ގައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުން އޮންނާނެ ކަމަށާއި، އިންތިޚާބަށް އެ ޕާޓީން ގެންގުޅޭ ޝިއާރު އިފްތިތާހު ކުރުންވެސް އޮންނާނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނަނީ "މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުންނެވެ.

އެޗްޕީއޭގެ ގައިޑްލައިންއާއެކު ކެމްޕޭންކުރަން ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމުގެ ޝަކުވާ އިދިކޮޅުން މިއަދުވެސް ވަނި އުފުލާފައެވެ. މުއާޒު ވިދާޅުވީ ސަރުކާރުގެ މައި ޕާޓީން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް ރަށްރަށަށް ގޮސް ކެމްޕޭން ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓު ފޮނުވާ