މަޖިލީހުން ވަޒީރަކު ނޮޅަން ދޫކޮށްލުމަކީ ހުތުރުމަކެއް: ދިޔާނާ

މަޖިލީހުން ވަޒީރަކު ނޮޅަން ދޫކޮށްލުމަކީ ހުތުރުމަކެއް: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2021 02:19
0

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމަށް ދޫކޮށްލައްވާފައިވަނީ ހުތުރުކޮށް ކަމަަަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އަދި ރައީސަށް މިކަމުގައި ގޮތެއް ނުނިންމުމުން މަޖިލީހުން ވަނީ މަލީހު މަޤާމުން ވަކިކޮށްފައެވެ. މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މަލީހުގެ އިތިބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންގޮސްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ދިޔާނާ ވިދާޅުވީ ރައީސް ސޯލިހުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ އެމަނިކުފާނުގެ ކެބިނެޓް މެންބަރަކު މަޖިލިސް އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލެއްވުމަކީ އުސޫލެއްގެ ގޮތުން ވަރަށް ދެރަވަރު ކަމެއް ކަމަަަށެވެ. އެކަމަނާ ވިދާޅުވީ ވަޒީރަކާމެދު ދެކޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސަރުކާރުގެ އިތުބާރާމެެދުވެސް ނެގޭ ވޯޓެއް ކަމަަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ރައީސްގެ ކެބިނެޓް މެންބަރަކު މަޖިލިސްގެ އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލުމަކީ އުސޫލެއްގެ ގޮތުން ދެރަވަރު ކަމެއް. ވަޒީރަކާމެދު ނެގޭ ނޯ ކޮންފިޑެންސް ވޯޓަކީ ސަރުކާރާމެދުވެސް ނެގޭ ނޯ ކޮންޑިފެންސް ވޯޓެއް.

– ދިޔާނާ ވިދާޅުވިއެވެ.

މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީހު ވަނީ އެމްޑީޕީގެ މެންބަރުންގެ ތުހުމަތުތަކަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ. ރައްދުގައި ދެއްކި ބައެއް ވާހަކަފުޅާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަލީހު، މަޖިލީސް މެންބަރުންނަށް ބިރުދެއްކެވި ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާނެ ކަމަަށް އިންޒާރު ކުރައްވާފައެވެ. އެކަމާ ގުޅިގެން މަލީހު ވަނީ ރިޔާސަތުން އޭނާއަށް ބިރުދެއްކި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ދިޔާނާ ސައީދު ވަނީ މަލީހު އޮއްގާ އުއްކަވަނީ ނުބައި ރައީސަކަަށް ކަމަށް ވިދާޅުވެފައެވެ. އަދި މަލީހު އިންނެވީ ރައީސް ނަޝީދުގެ ކެބިނެޓްގައި ނަމަ މަލީހު ދިފާއުގައި ހުރިހާ ގަލެއް ފުރޮޅުއްވާނެ ކަމަަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.