އާންމު އުސޫލުން އޭލެވެލް އިމްތިހާން ރާއްޖޭގައި އޮންނާނެ: މިނިސްޓްރީ

އާންމު އުސޫލުން އޭލެވެލް އިމްތިހާން ރާއްޖޭގައި އޮންނާނެ: މިނިސްޓްރީ

Author
ޢަލީ އާދަމް
03 މާރޗް 2021 01:43
0

އާންމު އުސޫލުގެ މަތިން މެއި މަހާއި ޖޫން މަހު ބާއްވާ އޭލެވެލް އިމްތިހާނު މިއަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ހަމަޖައްސާފައިވާ ތާވަލާ އެއްގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ގްރޭޑު 11 އަދި 12 ގެ ދަރިވަރުންގެ އިމްތިހާނު އޮންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހަދާ އިމްތިހާނު މާކްކުރާނީ އެޑެކްސަލްއިންކަމަށާއި އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ދަރިވަރުންގެ ނަތިޖާ ލިބިގެންދާނެކަމަށެވެ.

"މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގައި އެގްޒާމް ބާއްވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ރާވާފައި އޮތީ. އެގޮތުން، މި އަހަރު މެއި، ޖޫންގައި މިހާރު ކިޔަވަމުން ދާ ހުރިހާ ކުދިން އޭ އެލް އެގްޒާމާއި އޭ އެސް އެގްޒާމުގައި ސިޓްކުރާނެ. އެ ކުދިންގެ ޕޭޕަރުތައް އެޑެކްސެލް އިން މާކްކުރާނީ. ސެޓްފިކެޓް ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް ހަމަޖެހިފައި އޮތީ،"

– ޑރ. އާއިޝަތު އަލީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ މެއި ޖޫންގައި އެޑެކްސެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަންއިން މިދިޔަ ފެބްރުވަރީ މަހު ވަނީ ނިންމާފައެވެ. ނަމަވެސް ރާއްޖޭން ކުރި މަސައްކަތާ އެކު، އަންނަ މިއަހަރުގެ އިމްތިހާނު ތާވަލާ އެއްގޮތަށް ބޭއްވުމުގެ ފުރުސަތު އެ ތަނުން ރާއްޖެއަށް ދިނީ އެވެ.

ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެހުންނެވި، އެޑިއުކޭޝަން މިނިސްޓރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން ވިދާޅުވީ އެޑެކްސެލް އިން ގެންދާ އިމްތިހާނު، އަންނަ މެއި ޖޫންގައި ނުބާއްވާނެ ކަން އެންގުމާއެކު ހަމަ އެ ދުވަހު އެ ފަރާތާ މަޝްވަރާކުރަން ފެށި ކަމަށެވެ. އޭނާ ވިދާޅުވީ އެ ގޮތަށް މަޝްވަރާކުރަން ނިންމީ ވެސް، އެ ކަހަލަ ބޮޑު އިމްތިހާނެއް ރާއްޖޭގެ ޓީޗަރުން އެސެސްކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާތީ އެވެ.

އިމްތިހާނު ބާއްވަން ނިންމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ފޯމު ހުށަހަޅަން އެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.