އަކްޝޭ ކުމާރް ނޭނގޭނެ ކުޑަ ކުއްޖެއްވެސް މިހާރު މަދުވާނެއެވެ. ހާއްސަކޮށް ހިންދީ ފިލްމުތަކަށް ޝައުގު ބަހައްޓާ ފަރާތްތަކަށެވެ. ބޮލީވުޑްގެ ސުޕަސްޓާރުންތެރޭ ގުނާލެވޭ އަކްޝޭ އަކީ ފިލްމީ ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ފަންނާނެކެވެ.
ކުރިޔަށްއޮތް ދެ އަހަރަށް އަކްޝޭގެ ޝޫޓިންގ ޝެޑިއުލްވެސް އޮތީ ފުރިފައެވެ. އަކްޝޭގެ އަޒުމަކީ އަހަރެއްގެ މައްޗަށް ތިނެއް ނުވަތަ ހަތަރު ފިލްމު ނިންމުމެވެ. އެގޮތުން ބައެއް ފަހަރަށް އަކްޝޭއަށް ބައެއް ޕޮރޮޖެކްޓުތައް ދޫކޮށްލަންވެސް ޖެހެއެވެ.
މުދައްސަރް އަޒީޒްގެ ކުރިއަށް އޮތް ކޮމެޑީ އަކީ އަކްޝޭ ދޫކޮށްލާ މިފަދަ ޕޮރޮޖެކްޓެކެވެ. މިއީ ޖެކީ އަދި ވަޝޫ ބަގްނާނީ ޕޮރޮޑިއުސް ކުރާ ފިލްމެކެވެ. މޭ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބެލް ބޮޓަމް" އަކީވެސް މި ދެމީހުން ޕޮރޮޑިއުސް ކުރާ ފިލްމެކެވެ.
މުދައްސަރްގެ ފަހުގެ މަސައްކަތްތަކަށް ބަލައިލާއިރު " ހެޕީ ބާގް ޖަޔެގީ(2016)" " ހެޕީ ޕިރްސޭ ބާގް ޖަޔެގީ(2018)" އަދި "ޕަތީ ޕަތްނީ އޮރް ވޯ(2019) ހިމެނެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އަކްޝޭ މި ފިލްމު ދޫކޮށްލަން ނިންމީ އޭނާގެ ޝެޑިއުލް ފުލް ވުމާއި ވަގުތު ނުލިބުމާ ގުޅިގެންނެވެ. އެހެންނަމަވެސް ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ "މިޝަންމަންގަލް" އިން އަކްޝޭ ފެނިގެން ދާނެއެވެ.
އަކްޝޭ ކުމާރް މި ފިލްމާ ވަކިވުމާއި ގުޅިގެން ޕޮރޮޑިއުސަރުން ވަނީ މި ފިލްމަށް ރާޖް ކުމާރް ރާއޯ ގެނެސްފައެވެ. ރާޖްކުމާރާ އެއްކޮށް މި ފިލްމުން ފެނިގެންދާނީ ޝްރަދާ ކަޕޫރުއެވެ. މި ދެމީހުންއެކުގައި ބެލުންތެރިންނަށް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރުގައި "ސްތިރީ" އިންނެވެ.