އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އޭސީސީ)އަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާއެވެ.

އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯރސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެކަމަށް ފުލުހުން ބުންޏެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބުމަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެއެވެ.
އިންޓަޕޯލުން ކުރާ މަސައްކަތުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލައިގެންދާ މީހުން ހޯދުމުގައި އެހީތެރިވުން ހިމެނެއެވެ. ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ ނުވަތަ އިންޓަޕޯލްގެ ދައުރަކީ، ބޯޑަރ ހުރަސްކޮށް ހިނގާ ކުށްތައް ހައްލުކުރުމުގައި އެކި ގައުމުތަކުގެ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އިންޓަޕޯލްގެ ކޮންމެ މެންބަރު ގައުމެއްގައި، ނެޝަނަލް ސެންޓްރަލް ބިއުރޯ (އެންސީބީ) ގެ ނަމުގައި އިންޓަޕޯލްގެ އޮފީހެއް ހުންނަ އިރު، މި އޮފީހުގެ ބޭނުނަކީ އެއް މެންބަރު ގައުމާއި އަނެއް މެންބަރު ގައުމުގެ ފުލުހުން ގުޅުވައިދިނުމެވެ. އަދި މިއީ އިންޓަޕޯލުން ކުރާ މައިގަނޑު ތިން މަސައްކަތުގެ ތެރެއިން އެއް މަސައްކަތެވެ. މި މަސައްކަތް ކުރަނީ މެންބަރު ގައުމުތަކުގެ އެންސީބީއާއި ގުޅިގެނެ އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
ކޮމެންޓު ފޮނުވާ