ބޭސްފަރުވާއަށް ފޮނުވުން ފިލިކަމަށް އެއްބަސްވެ، ވީ އެންމެ އަވަހަށް ޙުކުމް ކޮށްދިނުމަށް ލުޠުފީ އެދިއްޖެ

ބޭސްފަރުވާއަށް ފޮނުވުން ފިލިކަމަށް އެއްބަސްވެ، ވީ އެންމެ އަވަހަށް ޙުކުމް ކޮށްދިނުމަށް ލުޠުފީ އެދިއްޖެ

Author
މުޙައްމަދު ޖިމީ
03 މާރޗް 2021 10:41
0

ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ޖަލު ހުކުމުގައި ހުއްޓާ ފިލައިގެން ދިޔަ މައްސަލައިގެ ދައުވާއަށް އޭނާ އިއުތިރާފްވެއްޖެއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހރު ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ޢުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

އޭނާ ބޭސްފަރުވާއަށް ފޮނުވުން ފިލި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީޢަތުގައި އޭނާ ވަނީ ފިލިކަމަށް އެއްބަސްވެފައެވެ.ޝަރީޢަތުގައި ވާހަކަދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ އެންމެ ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އެދިފައެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010 ވަނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް އޭނާ ހޯދުމަށް "ރެޑް ނޯޓިސް" ވެސް ނެރެފައެވެ. ލުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 2019 މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ.

ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.

އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.