މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި 2017ވަނަ އަހަރު މަރާލާފައިވާ ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސްޣޭ މަރުގެ މައްސަލާގައި ފޮރިންސިކް އެވިޑެންސްއަށް ފޯނަކުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ވަރަށް އަވަހަށް އެ މައްސަލައިގެ ތަޙުގީގު ނިންމައި ރިޕޯޓު ޢާއްމުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރ.އަތޮޅުގެ ކެމްޕެއިން ޓީމްތަކާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލައިގެ ތަޙުގީގުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި، މިވަގުތު އިންތިޒާރުކުރަމުން އަންނަނީ މައްސަލައާގުޅޭ ފޯނަކާ ގުޅޭ ފޮރެންސިކް ހެކިތަކެއް ހޯދުމަށްކަމަށެވެ. އެ ފޯނު ސިންގަޕޫރަށް ފޮނުވައިގެން ހޯދަންޖެހޭ ބައެއް ފޮރެންސިކް މަޢުލޫމާތު ލިބުމާއެކު ރިޕޯޓު އެކުލަވާލައި ޢާއްމުކުރުމަށް މަރު ކޮމިޝަނުން ނިންމައި އެމަޢުލޫމާތު ދެއްވާފައިވާކަމަށް ރައިސް ވިދާޅުވިއެވެ.
ހަމައެކަނި ފޮރިންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް އެބައޮތް. އެ ފޮނުވުމުގެ މަސައްކަތް އެ ގެންދަނީ. އަޅުގަނޑު ހިތުން ފޯނެއް މި އުޅެނީ ފޮރިންސިކް އެވިޑެންސްއަށް ފޮނުވަން ޖެހޭ. އެހެންވީމަ އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ މައުލޫމާތު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ޢާއިލާއަށް އިންޞާފް ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ ދެއްވާފައެވެ.އަނަސްގެ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރޭ ސައިކަލުތަކެއްގައި އައިބަޔަކަށް ފިލަން އޭނާ ދުވެފައިގޮސް ހެންވޭރު ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށްފަހުގައެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައިވާއިރު އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ޅ.ކުރެންދޫ އަސުރުމާގެ އަޙްމަދު ޒަޔާނާއި މ.ދިމިޝްގު އުސްމާން ޝަރީފާއި ސ.ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ލ.ގަން ތުނޑި ރަންނާރި ޖުނައިހު ޢަބްދުﷲއާއި ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި މ.ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، ތ.ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މީގެއިތުރުން ދަޢުވާއަށް ފޮނުވި އިރު އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުލަތުންވަނީ ދަޢުވާކޮށްފައެވެ.
2017ވަނަ އަހަރު އަނަސް މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށާއި، އޭނާ މަރާލާފައިވަނީ އޮޅިގެންކަމަށް މިހާތަނަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ރ.އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބައްލަވާ މަރުގެ 25 މައްސަލައިގެ ތެރޭގައި އަނަސްގެ މައްސަލަވެސް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ