ރޭޕްކުރި ކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނީތީ ޕީޖީ މައާފަށް އެދިއްޖެ

ރޭޕްކުރި ކުއްޖެއްގެ މައުލޫމާތު ހާމަކުރެވުނީތީ ޕީޖީ މައާފަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 07:33
0

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް ޖެންޑާ ކޮމިޓީގައި ރޭޕްކޭސްއެއްގައި ހިމެނޭ ކުއްޖެއްގެ މައުލޫމާތު އާންމު ކުރެވުނީތީ ޕީޖީ ހުސެއިން ޝަމީމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.

ރޭޕް ކޭސްތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުގެ ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕީޖީ އޮފީހުންވަނީ އޮފީހާއި ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޭސްއެއް މިސާލު ނަގާފައެވެ.

ޕީޖީ އޮފީހުންވަނީ މިކޭސްއާއި ގުޅޭގޮތުން މައުލޫމާތު ހަމަކުރިއިރު ލައިވް ޓީވީގައި މިހާދިސާގައި ޝާމިލުވާ ކުއްޖާގެ ނަންވެސް ހާމަކޮށްފަ އެވެ. އަދި ކުއްޖާ އަކީ ކޮން ކަހަލަ ހާލަތެއްގައި ހުރި ކުއްޖެއް ކަމާއި އޭނާ ރޭޕްކުރީ ކާކު ކަމާއި އޭގެ ފަހުން ކަންހިނގާ ދިޔަ ގޮތުގެ ގިނަ ތަފްސީލުތަކެއް ވަނީ ކޮމިޓީގައި ހާމަކޮށްފައެވެ.

މިމައްސަލާގައި ޕީޖީ ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީގައި ޕީޖީ އޮފީހުގެ ސްޓާފަކަށް އެފަދަ މައުލޫމާތެއް ހާމަކުރެވުނީ އޮޅިގެން ކަމަށެވެ. އެމައުލޫމާތު ހަމަކުރިރު ކޮމިޓީ ލައިވްކޮށް ދެއްކިކަމެއް ނޭގޭކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރޭޕް ކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑީއާގެ އެއްވެސް ވަސީލަތެއްގައި ބަޔާން ކުރުމުގެ ނުވަތަ ޝާއިއު ކުރުމުގައި އެ ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ އެ ގާނޫނު މަނާ ކަމެއް ކަމަށެވެ.

މިމައްސަލަގައި ގިނަ ބައެއްގެ ފާޑުކިޔުން ޕީޖީއޮފީހަށް އަމާޒުވެފައިވާއިރު، ޤާނޫނީ ގޮތުން އެންމެ މަތީ ޒިންމާ އަދާކުރަން ތިއްބެވި ފަރާތުން މިފަދަ ބޮޑު ކުށެއް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.