ރަޝިއާގެ ރައީސް ޕުޓިންގެ ސިޔާސީ ވާދަވެރިޔާ، އެލެކްސީ ނަވާލްނީއަށް ވިހަދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ރަޝިއާގެ މީހުންނާއި މުވައްސަސާތަކާ ދެކޮޅަށް އެމެރިކާގެ ސަރުކާރުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅު ވެއްޖެއެވެ.
ނޫސް ރިޕޯޓަރުންނާ ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ރަޝިއާގެ ވަކިވަކި ފަރުދުންނާ މުވައްސަސާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ، ޔޫރަޕިއަން އިއްތިހާދާއި ގުޅިގެން ކަމުގައެވެ.
އަދި މި އޮފިޝަލުންވަނީ، ރަޝިއާ ސަރުކާރުން މިހާރު ޖަލަށް ލާފައިވާ، ނަވާލްނީ ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޖޯބައިޑްން ގޮވާލައްވަމުން ގެންދަވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ފާއިތުވެދިޔަ އަހަރު، ނަވާލްނީ މަރާލުމަށް ރަޝިއާ ސަރުކާރާ ގުޅުން ހުރި މީހުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމުގައެވެ. އެހެންނަމަވެސް، ރަޝިއާ ސަރުކާރުން ވަނީ މިތުހުމަތުތައް ދޮގު ކޮށްފައެވެ.
ނަވާލްނީއަށް ނާވް އޭޖެންޓެއް ބޭނުންކޮށްގެން ވިހަދީ އޭނާ މަރާލަން އުޅުމުގެ ތުހުމަތު ރަޝިއާ ސަރުކާރުގެ މައްޗަށް ކުރެވިފައިވި ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެއް ނުވެއެވެ.
އެހެންނަމަވެސް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްންވަނީ، ޓްރަންޕްއާއި ޚިލާފަށް ރަޝިއާގެ ރައީސް ޕުޓިންއާ ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ހަރުކަށި ކުރައްވާފައެވެ.
"އެމެރިކާގެ ސަރުކާރުން ރަޝިއާއާއި އޮންނަ ގުޅުމަށް އިތުރު ބަދަލެއް ގެނައުމަށްވެސް، އަދި އިތުރަށް ގޯސްކުރުމަށްވެސް އެއްވެސް މަސައްކަތެއް ނުކުރާނެ،" އެމެރިކާ ސަރުކާރުގެ އޮފިޝަލު ވިދާޅުވެފައި ވެއެވެ.
"އަހަރެމެން ދެކޭގޮތުގައި، އެމެރިކާއިންވެސް، އަދި އަހަރެމެންގެ ބައިވެރިންނަށްވެސް ވަރަށް ސާފުވާންވާނެ، އަދި ފިޔަވަޅުވެސް އަޅަންވާނެ، އެހެން ގައުމުތަކުން އިހުރިރާމްކުރާ އިންތައް ރަޝިއާއިން ފަހަނަ އަޅައި ދިޔައިމަ، އަދި ދޭދޭގުޅުމުގެ ތެރެއިން ޚިޔާލުތަފާތުވާ މިފަދަ ކަންކަމުގައި އެއްބައި ވަންތަވެސް ވާންވާނެ،" އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ