18 އަހަރުން މަތީ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަނީ

18 އަހަރުން މަތީ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 05:18
0

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނެވެ. އަދި އެއަށްފަހު އުމުރުން ދުވަސްވީ މީހުންނާ، ބޮޑެތި ބަލިތަކަށް ފަރުވާދޭ މީހުންނަށް ވެކްސިން ދޭން ފެށިއެވެ. ނަމަވެސް ފަހުންވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާރު 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމުން، ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ދޭން ރާއްޖޭގައި ފެށުނީއެވެ.

ކޯވިޑް ވެކްސިން ޖެހެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު ފުރަތަމަ ވެކްސިން ދީފައިވަނީ ފްރަންޓްލައިން ސްޓާފުންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަަރުވާ ހޯދަމުންދާ މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑް-19 ދިފާޢު ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. ފުރަތަމަ މި ޕްރޮގްރާމް ފެށީ މާލެ ސަރަޙައްދުގެ ސެންޓަރުތަކާއި އަތޮޅުތަކުގެ 3 ސަރަޙައްދެއްގެ 3 ސެންޓަރުގައެވެ. މިހާތަނަށް އައިއިރު ވެކްސިން ދިނުމުގެ ކަންކަން މާލެ ސަރަޙައްދުގެ 7 ސެންޓަރާއި، އަތޮޅުތަކުގެ 169 ސެންޓަރުގައި ވަނީ ފަށާފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ވެކްސިނޭޝަން ޓީމްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޯވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 117،115 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލެ ސަރަހައްދުން 77،251 މީހަކަށާއި ނއަތޮޅުތަކުން 39،864 މީހަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.