27 ފެބްރުއަރީ 2021 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ސީނިއަރ މުވައްޒަފުންނަށް ކޮޕީކޮށް އޭއޭއޭގެ ދަރިވަރަކަށް ފޮނުވި އީ-މެއިލްއެއްގައި އެދަރިވަރަކީ ގަސްދުގައި މީހަކު މަރާފައިވާ ފަރާތެއް ކަމުގައި ކޮށްފައިވާ ތުހުމަތު ބަލައި އޭއޭއޭ އާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ގޮވާލައިފިއެވެ.
އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ވެސް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫންކަމަށެވެ. މިޢަމަލަކީ އެޔޫނިއަނުން ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެދަރިވަރުގެ ނަން ކިލަނބުކޮށް، އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެއްކަމަށް ވަނީ ބުނެފައެވެ. އަދި މިޢަމަލަކީ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްކަމަށް އެޔޫނިއަނުން ވަނީ ބުނެފައެވެ.
އޭއޭއޭގެ މިއަމަލު މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މީގެ ކުރިންވެސް ތަކުރާރުކޮށް އޭއޭއޭގެ ފަރާތުން ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވުމާއި ގުޅިގެން އެކަމުގެ ޝަކުވާ ވާނީ މި ޔޫނިއަންގެ ފަރާތުން ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރެވިފަ. 27 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެއިލްއަކީ އޭއޭއޭއިން ދަރިވަރުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ގޯނާއަށް އިތުރު ވެގެންދިޔަ ބޮޅެއް. އަދި އެފަރާތުގެ މިޢަމަލަކީ، ދަރިވަރުން އެދަރިވަރުންގެ ހައްގު ހޯދުމަށް ވަކާލާތުކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެދަރިވަރުން ނަފްސާނީގޮތުން ބަލިކަށި ކުރުމަށް ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމުގައި މި ޔޫނިއަން އިން ދެކެން.
ދަރިވަރުންނަށް މިފަދަ ގޯނާ ތަކުރާރުކޮށް ކުރަމުން އަންނަ އައުމަކީ ދަރިވަރުންގެ ޔޫނިއަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި، ޔޫނިއަން އިން ދަރިވަރުންގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި އޭއޭއޭއިން އެފަދަ ނޭއްގާނީ އަމަލުތަށް ތަކުރާރު ކުރަމުން އަންނަ އައުމަކީ އެކަމުގެ ސަބަބުން ޔޫނިއަން އިން ކުރަމުން އަންނަ މަސައްކަތްތައް މަޑުޖެހިދާނެ ސަބަބެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކޮށް ދަރިވަރުންގެ ހައްޤު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބޭނެކަމަށާއު، އޭއޭއޭގެ މިގޯނާގެ އަމަލު ތަހްޤީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް ދަރިވަރުންގެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ