ފަހިޕޭ އައިޔޫއެމް އެސްޔޫ ޤުރްޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަހިޕޭ އައިޔޫއެމް އެސްޔޫ ޤުރްޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ޢަލީ އާދަމް
02 މާރޗް 2021 12:13
0

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން މިއަހަރު ބާއްވާ "ފަހިޕޭ އައިޔޫއެމް އެސްޔޫ ޤުރްއާން މުބާރާތް 1442″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 20 މާރިޗު 2021ގެ ނިޔަލަށެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތި، މި ތިން އުމުރުފުރާއެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ވީޑިއޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޢުމުރުފުރާއަކަށްވެސް އެ ޢުމުރުފުރާއަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައެވެ. މި ވީޑިއޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މި މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯރމް އައިޔޫއެމް އެސްޔޫގެ ފޭސްބުކްޕޭޖުން ލިބެން ހުންނާނެއެވެ.

އައިޔޫއެމް އެސްޔޫގެ ރައީސް ވިދާޅުވީ މި މުބާރާތުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދީ، ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުމެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.