ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމަށް މިނިސްޓްރީން އަންގައިފި

ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމަށް މިނިސްޓްރީން އަންގައިފި

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 04:07
0

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓޤރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާކަމަށާއި، އެހެންކަމުން ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ކޮވިޑްގެ ހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.\

އެކަމުގައި ސިޓީ ކައުންސިލުންނާއި، ނަމާދަށް މިސްކިތަށް ދާ މީހުން އަދި އިމާމުން ވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން:

  • ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
  • މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯނު ބޭނުން ނުކުރުން
  • އެއާކޯނު ބޭނުންކުރާނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނެގޮތް ހެދުން

ޖަމާއަަތަށް ނަމާދަށް ދާމީހުން ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި:

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
  • މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
  • މާސްކު އެޅުން
  • މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
  • މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
  • ނަމާދަށް ސަފު ހެދުމުގައި ގައިދުރުކަން ބެހެއްޓުން އަދި ގައިދުރުކަމާއެކު ނަމާދުކުރުން
  • ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން ގޭގައި ނަމާދުކުރުން
  • ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
  • މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
  • މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

އިމާމުން ސަމާލުކަން ދޭންޖެހޭ ކަންކަން:

  • ބަންގިއަށްފަހު ފަސް މިނެޓު ތެރޭ ގަމަތް ދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން
  • ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ބަލި ކޮންޓްލް ނުވެދާތީ ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް ކުރެވޭ މަސައްކަތުގައި ނަމާދުގެ ޖަމާއަތް މެދު ކަނޑާލަން ވާނީ އެނޫން އެއްވެސް ގޮތެއް ނެތުމުން ކަމުގައި އިލްވެރިން އަންނަނީ ވިދާޅުވަމުންނެވެ.

ކޯވިޑް-19 ގައި މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ދާއިރު ބަލި ކޮންޓްރޯލް ނުވެދާނެ ކަމުގެ އިންޒާރު ޞީއްޚީ ބޭފުޅުން ދަނީ ދެއްވަމުންނެވެ. އަދި ހަރުދަނާ އަަވަސް ފިޔަވަޅު ތަކެއް ނޭޅިއްޖަނަ ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.