ލިވަޕުލްގެ ފޯވާޑް ސަޑިއޯ މާނޭ ކޯވިޑް 19 އަށް ޕޮޒިޓިވްވެ މުހިންމު މެޗުތަކެއް ގެއްލިއްޖެއެވެ.
ލިވަޕޫލުން މިކަން ކަށަވަރުކޮށްދީފައިވާއިރު މާނޭ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ އެކްލަބުގެ ތިއާގޯ އަލްކަންޓާރާ ކޯވިޑް-19 އަށް ޕޮޒިޓިވްވިތާ ތިން ދުވަސް ފަހުންނެވެ. ލިވަޕޫލުން ބުނީ މާނޭ ކޯވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށެވެ.އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ލިވަޕޫލުން އާސެނަލްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި މާނޭ ކުޅުނު ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗަށް ލިވަޕޫލުން އެކުލަވާލި ސްކޮޑުގައި މާނޭ ހިމަނާފައެއް ނުވެއެވެ.
ލިވަޕޫލްގެ ވެބްސައިޓްގައި އެ ކުލަބުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ތިއާގޯ އެކޭ އެއްގޮތަށް މާނޭ ވެސް ކޯވިޑާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުން އެކުލަވާލައިފައިވާ އުސޫލުތަކާ އެއްގޮތުން އަމަލުކުރަމުންގެންދާނެ ކަމަށާއި، އެގޮތުން މާނޭ ވެސް ކަނޑައެޅިފައިވާ މުއްދަތަށް އައިސޮލޭޝަންގައި ހުންނާނެ ކަމަށެވެ.
މިހާތަނަށް މި ސީޒަނުގައި ލިވަޕޫލަށް ތިން ގޯލް ކާމިޔާބުކޮށްދީފައިވާ މާނޭ ކޯވިޑަށް ޕޮޒިޓިވްވުމުން ޕްރިމިއަރ ލީގުގައި މި ހަފްތާގައި ލިވަޕޫލުން އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެއެވެ.