އަވަސް ބޮޑެތި ފިޔަވަޅުތަކެއް ނާޅައިފިނަމަ ނުރައްކާ ބޮޑުވާނެ: ޑރ.ޝަހީދު

އަވަސް ބޮޑެތި ފިޔަވަޅުތަކެއް ނާޅައިފިނަމަ ނުރައްކާ ބޮޑުވާނެ: ޑރ.ޝަހީދު

Author
މުޙައްމަދު ޖިމީ
25 ފެބްރުއަރީ 2021 10:49
0

ކޯވިޑް-19ގެ މިހާރުގެ ޙާލަތުގައި އިތުރު ފިޔަވަޅު ނާޅައިފިނަމަ ގޯސްވާނެކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަޙްމަދު ޝަހީދު ދެއްވައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝަހީދު ވިދާޅުވީ، ކޯވިޑްގެ ތިންވަނަ ރާޅުގައި ކުރިން އައި ކޯވިޑް ރާޅުތަކަށްވުރެ މިހާރުގެ ޙާލަތު މާ ނުރައްކާތެރިކަމަށެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން އިތުރުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ކްރައިޓީރިއަށްވެސް ބަދަލު ގެނެސްފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އެގޮތުން ޢާންމުގޮތެއްގައި ބަލިޖެހޭ މީހަކު ހޮސްޕިޓަލުގައި 14 ދުވަހު އެޑްމިޓްކޮށްފައި ބޭއްވިނަމަވެސް، މިހާރު ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ 10 ދުވަސްފަހުން ބަލިމީހާ މޮނިޓަރކުރާގޮތަށް ގެއަށް ބަދަލުކުރާކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. ޑރ.ޝަޙީދު މިރޭ ޢާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މީގެ ކުރިއާއި އަޅާބަލާއިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މިމަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 2 މީހަކު ނިޔާވިއިރު، ޖެނުއަރީ މަހު ނިޔާވެފައިވަނީ 4 މީހުންނެވެ. ނަމަވެސް މިމަހު މިހާތަނަށް 8 މީހަކު ނިޔާވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޑޮކްޓަރ ޝަހީދު ވިދާޅުވީ މިހާރު ތިން ވަނަ ރާޅުގައި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވިއިރު، 100 އިން މަތީގައި ކޭސްތަކުގެ އަދަދު މަތީގައި ހުރުމަށް ދޫކޮށްލައިގެން ނުތިބެވޭނެކަމަށެވެ. އެގޮތުން ބޮޑެތި އަވަސް ފިޔަވަޅުތަކެއް އަޅާންޖެހިފައިވާކަމަށާއި، މިހާލަތު އަވަހަށް ރަނގަޅުވާނީވެސް ގިނަ ފިޔަވަޅުތަކެއް އަޅާއިގެންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ލޮކްޑައުންނަކަށް ދާންޖެހިދާނެކަމަށްވެސް ޑޮކްޓަރ ޝަހީދު ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު މައްޗަށް ޖެހިފައިވާ މިދަނޑިވަޅުގައި އުޅަނދުތައް ދުއްވުން މަނާކޮށްފަިއވީަނމަވެސް ބައްދަލުވުންތަކާއި ބޭރަށް ނިކުމެ އުޅުމާއި، ކެފޭ ރެސްޓޯރަންޓްތަކަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރެސްޓޯރަންޓްތަކުގައި ގިނަ ވަގުތު މާސް ނާޅާ ތިބޭކަން ފާހަގަވާއިރު އެއީ ބަލި ޖެހުމަސް އެންމެ ފުރުޞަތު ބޮޑު ތަންތަންކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ މިހާރު މިބައްޔަކީ އާދައިގެ ރޯގާއެއްކަމަށް ދެކި ބައްޔާމެދު އަމަލުކުރެވޭގޮތް ފަސޭހަކޮށްލެވޭތަން ފެންނަމުން އަންނަކަމަށެވެ. ޑޮކްޓަރ ވިދާލުވީ މިއީ އާދައިގެ ބައްޔެއްކަމަށް ދެކޭވަރުގ ބައްޔެއް ނޫންކަމަށާއި، މި ބަލިޖެހޭ ބައެއް މީހުންގެ އިތުރު ސިއްޙީ ބައެއް މައްސަލަތައްވެސް ކުރިމަތިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މި އަހަރު ފެށުނީއްސުރެ ބަލި ޖެހޭ މީހުންގެ އަދަދު އިތުވަމުންގޮސް ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވަަމުންދެއެވެ. އަދި އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 2400 ވުރެމައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.