ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ އެކްސްކޯގެ ބައްދަލުވުންތަކަށް އެންމެ މަދުން ޙާޒިރުވެފައިވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްޞައްތާރުކަމަށް ބާ ކައުންސިލް އެކްސްކޯގެ ޙާޒިރީ ރިޕޯޓުން ދައްކައިފިއެވެ.
ބާ ކައުންސިލް ހިންގާ ކޮމިޓިގައި ތިއްބަވަނީ ބާ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސްއާއި ބަންޑާރަ ނާއިބުގެ އިތުރުން 6 މެންބަރުންނެވެ. ބާ ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާގޮތުން މިދިޔަ އަހަރު އެކައުންސިލްގެ އެކްސްކޯގެ49 ބައްދަލުވުމެއް ބާއްވާފައިވާއިރު، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޤާނޫނީ ވަކީލް އަނަސް ޢަބްދުއްޞައްތާރު ހާޒިރުވެވަޑައިގެންފައިވަނީ އެންމެ 12 ބައްދަލުވުމަށެވެ. ދެން އެންމެ މަދުން ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންފައިވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފޤއަތު އެވެ. ބަންޑާރަ ނާއިބު ޙާޒިރުވެވަޑައިގެންފައިވަނީ 22 ބައްދަލުވުމަށެވެ.
ހުރިހާ ޖަލްސާއަކަށް ޙާޒިރުވެވަޑައިގެންފައިވަނީ ޤާނޫނީ ވަކީލް މުޙައްމަދު ފައިޞަލްއެވެ. އޭނާ 47 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާއިރު، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ބައިވެރިވެވަޑައިގެންފައިވަނީ 42 ބައްދަލުވުމެއްގައެވެ.
ބާ ކައުންސިލްގެ މަސްއޫލިއްޔައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި ، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ