މާލެ މިއޮތީ އަނެއްކާވެސް ލޮކްޑައުންއަކަށް ދާންޖެހޭ ޙާލަތުގައި: ނަސީމް

މާލެ މިއޮތީ އަނެއްކާވެސް ލޮކްޑައުންއަކަށް ދާންޖެހޭ ޙާލަތުގައި: ނަސީމް

Author
މުޙައްމަދު ޖިމީ
25 ފެބްރުއަރީ 2021 02:20
0

ރާއްޖޭގެ ކޯވިޑް-19ގެ ޙަލަތު މިހާރު މިއޮތީ އަނެއްކާވެސް މާލެެ ފުރިހަމަ ލޮކްޑައުންއަކަށް ދާންޖެހޭ ޙާލަތުގައިކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން  މިއަދު މަޖިލީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ އަލުން ލޮކްޑައުންއަކަށް ދިއުމުގެ ޤާބިލުކަން ނެތްކަމަށެވެ. ނަމަވެސް މިހާރު މާލޭގެ ޙާލަތު ހުރިގޮތުން މިއޮތީ ލޮކްޑައުންގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުގައިކަމަށާއި އެވަރަށް ޙާލަތު ގޯސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މާލޭގައި ބަލީގެ ކޮންޓްރޯލް ގެެއްލިފައި އޮތްނަމަވެސް ލޮކްޑައުންއަކަށް ނުގޮސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާމުން އަންނަކަމަށާއި، އަދިވެސް އިތުރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.

މިހާރު ދިވެހިރާއްޖޭގެ މާލޭގެ ހާލަތު، މުޅި ރާއްޖެއެއް ނޫން އަދި ރިސޯޓުތަކުގެ ހާލަތެއް ވެސް ނޫން. އެކަމަކު މާލެ މިއޮތީ ރީއްޗަށް ލޮކްޑައުންއަކަށް ދާ ފެންވަރުގައި. އެހާ ނުރައްކާތެރިކޮށް މާލެ މިއޮތީ..

– ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް

މިނިސްޓަރ ނަސީމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރު ފެށުނީއްސުރެ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ މި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނައިރު، ބައެއް ދުވަސް ދުވަހު އެ ޢަދަދުތައް 200 އިން މައްޗަށްވެސް އަރައެވެ. އަދި މިމަހުގެ މިހާތަނަށް އެކަނިވެސް މިބަލީގައި ވަނީ 10 މީހުން ނިޔާވެފައެވެ. މީގެ އިތުރުން މިހާރު ކޯވިޑްގެ ބަލި މީހުންގެ ގޮތުގައި ފަރުވާދެމުން އަންނަ އެކްޓިވް ކޭސްތަކުގެ ޢަދަދުވެސް އުޅެނީ 2000 އިން މަތީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.