ރާއްޖޭގައި ގެއްލުނު އަންހެން މީހާއާ ގުޅޭ މައުލުމާތުދޭ ފަރާތަކަށް 100،000 ޑޮލަރު

ރާއްޖޭގައި ގެއްލުނު އަންހެން މީހާއާ ގުޅޭ މައުލުމާތުދޭ ފަރާތަކަށް 100،000 ޑޮލަރު

Author
ހުސެއިން
25 ފެބްރުއަރީ 2021 08:10
0

ރާއްޖޭގެ ރިސޯޓެއްގަ ޗުއްޓީ ހޭދަކުރުމަށް އައިސް އުޅެނިކޮށް ވީނުވީއެއް ނޭގި ގެއްލިފައިވާ އަންހެން މީހާ ވީތަނެއް ހޯދުމަށް އެހީތެރި ވެދޭނެ މައުލޫމާތެއް ތިން ފަރާތަކަށް 100،000 ޑޮލަރު ދިނުމަށް އަންހެން މީހާގެ ފިރިމީހާ ހުށަހަޅައިފިއެވެ. ގެއްލިފައިވާ އަންހެން މީހާގެ ފިރިމީހައަކީ ދުބާއީގެ ރައްޔިތެކެވެ.

ޕަރުމާރު ގުރުޝަރަންޖީތު ސިންގއާއި އޭނާގެ 33 އަހަރުގު އަންހުން ރައްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔައީ މާމުނަގާ އައިލެންޑް ރިސޯޓުގައެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، 33 އަހަރުގެ އަންހެން މީހާ ގެއްލިފައިވަނީ މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަސްކައިޓް ނަމަކަށް ކިޔާ މިއަންހެން މީހާއަކީ ކެނެޑާގެ ރައްޔިތެކެވެ. އަދި އޭނާ އިނީ ބަލިވެއެވެ. ވިހަން ހަމަޖެހިފައި އޮތީ އަންނަ މާރޗް މަހުއެވެ.

"އަހަރެމެން ތިބީ ޕޫލް ސަރަހައްދުގައި އަރާމު ކޮށްލުމަށް އޮށޯވެލައިގެން. އޮށޯވެލައިގެން ތިއްބައި، މެންދުރު 3:30 ހާއިރު، އަންހެނުން ބުނި، ކުޑަކޮށް ފަތާލަން މޫދަށް އެރިލާފަ އަންނާނަމޭ. އަހަރެން ހިތަކަށްވެސް ނާރާ، މިއީ އަހަރެންގެ ހަޔާތަށް ކުރިމަތިވާނެ ބޮޑު ހާދިސާއެއްގެ ފެށުން ކަމަކަށް،" ދުބާއީގައާއި އަދި ކެނެޑާގަވެސް ވިޔަފާރި ކުރަމުންދާ ސިންގ ދުބާއީގެ ޚަލީޖް ޓައިމްސް ނޫހަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ.

މިހާރު އޭގެ ފަހުން 9 ދުވަސް ވެގެން މިދިޔައީ، ރާއްޖޭގެ އެއްވެސް އިދާރާއަކަށް މިހާދިސާ ހިގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް އަހަރެންނަށް ދެވިފައެއް ނުވޭ. މިހާރު އަންހެނުން ހޯދުންވެސް އެމީހުން ހުއްޓާލައިފި. އަހަރެންނަކަށް ނޭގޭ، އަންހެނުން ފެތުނީ ކަމެއް، ބަޔަކު ރަހީން ކުރީކަމެއް ނުވަތަ އޭނާއަށް އަނިޔާއެއް ކުރީ ކަމެއްވެސް. އަހަރެން ޖަވާބެއް ބޭނުން،" މިވަގުތު ނުހަނު ހާސްކަމުގައި ހުރި، ގެއްލިފައިވާ އަންހެން މީހާގެ ފިރިމީހާ ބުނެފައި ވެއެވެ.

މި ދެމަފިރިން ޗުއްޓީ ހޭދަކުރުމަށް މާމުނަގާ އައިލެންޑް ރިސޯޓަށް އައިސްފައިވަނީ މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ޚަލީޖް ޓައިމްސް ނޫހުގައި ބުނެފައިވަނީ، މި ދެމަފިރިން މި ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ، މި ރިސޯޓުގައި ގާއިމްކުރެވިފައިވާ، ކަރަންޓީން ޕްރޮޓޮކޯލްތަކަކީ، ޗުއްޓީ ހޭދަކުރަމުން، ފެތުރެމުންދާ ކޯވިޑް ކާރިސާއިން ސަލާމަތްވުމަށް ރަގަޅު މާހައުލެއްކަމަށް ވާތީއެވެ. އެހެންނަމަވެސް، މި އަދި މިއަދާ ހަމައަށްވެސް، މިރިސޯޓުގެ ވަށައިގެންދާ އެއްވެސް ސަރަހައްދަކުންވެސް ގެއްލިފައިވާ އަންހެން މީހާގެ އެއްވެސް ހިލަމެއް ވެފައި ނުވާކަމަށް، ފިރިގެންމީއާ ހަވާލާދީ މިނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ.

"އަހަރެން ދިޔައީ، ޕޫލާ ވީ ފަރާތުގަ ހުންނަ ވިލާއަށް ކުޑަ ވަގުތުކޮޅަކަށް ނިދާލުމަށް. ހަވީރު 6:30 ހާއިރު، އަހަރެންނަށް ހޭލެވުނު އިރު އަންހެނުން ފެންނާކަށް ނެތް. ދެން އަހަރެން އަވަހަށް ގުޅީ، އަންހެނުންނަށް ވީގޮތެއް ބެލުމަށް ހޮޓެލް ރިސެޕްޝަނަށް. އަންހެނުންނަށް ވީގޮތެއް އެގޭ އެއްވެސް މީހަކު ނެތް،" ސިންގ އިތުރަށް ބުނެފައި ވެއެވެ.

އަންހެނުންނަށް ވީގޮތެއް ނޭގި ހާސްކަމުގައި، ވަގުތުން ސިންގ ރިސޯޓުގެ މެނޭޖްމަންޓަށް އެކަން އަންގާފައި ވެއެވެ. އަދި އޭނާ ބުނި ގޮތުގައި، އެނާގެ އަންހެނުން ވަސްކައިޓް ހޯދުމުގެ މަސައްކަތް ކަމާ ގުޅޭ މުވައްސަސާތަކުން ވަގުތުން ފަށާފައި ވެއެވެ.

ސިންގ ބުނެފައިވާ ގޮތުގައި، އޭނާގެ އަންހެނުން ގެއްލިފައިވާކަން ޖެހިގެން އައި ދުވަހު އޭނާވަނީ، ކައިރީގަ އޮތް ރ. މީދޫގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުވެސް ކޮށްފައެވެ. އެހެންނަމަވެސް، ހަފްތާއެއް ވަންދެން މެދުނުކެޑި، ޕޮލިހުންނާ، ކޯސްޓު ގާޑުންނާއި އަދި ރިސޯޓު މުވައްޒަފުން އެކުވެގެން ކުރި މަސައްކަތުންވެސް އޭނާގެ އަންހެނުންގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ސިންގ ބުނެފައި ވެއެވެ. 

ދުބާއީގެ ނޫހުގައި ރިޕޯޓު ކޮށްފައްވާ ގޮތުގައި، ދިވެހި ފުލުހުން ގަބޫލުކުރަނީ ސިންގ އަންހެނުން ފަތަން ނުކުމެ އުޅެނިކޮށް ފެތުނީމަކަށެވެ. "ބީޗް ސަރަހައްދުގައި ފަތަން ނިކުމެ އުޅެނިކޮށް އޭނާ އެ ސަރަހައްދުން ގެއްލުނީކަމަށް އަހަރުމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. އެހެން ގޮތަކަށް ގަބޫލުކުރެވޭނެ އެއްވެސް ހެއްކެއް އަދި މިހާތަނަށް އަހަރުމެންނަށް ފެނިފައެއް ނުވޭ،" ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަސްލަމް މުހައްމަދާއި ހަވާލާދީ ޚަލީޖު ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ. 

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަސްލަމް މުހައްމަދު ވިދާޅުވެފައިކަމަށް ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަންހެން މީހާ ގެއްލުނު ކަމުގެ މައުލުމާތު ލިބުމާއެކު، އޭނާ ހޯދުމަށްޓަކާ، އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ރެސްކިއު އެން ސާރޗް އޮޕަރޭޝަންއެއް ވަގުތުން ލޯންޗް ކޮށްފައި ވެއެވެ. އެހެންނަމަވެސް، ވައިގެ މަގުންނާއި، ޑައިވިން ކޮށްގެންނާއި، އަދި އެއްގަމުގައިވެސް، ގެއްލުނު އަންހެން މީހާ ފެނޭތޯ މެދުކެޑުމެއްނެތި 5 ދުވަސް ވަންދެން ކުރި މަސައްކަތުންވެސް އަންހެން މީހާގެ އެއްވެސް އަސަރެއް ފެނިފައި ނުވާކަމަށް، ސްޓޭޝަން އިންސްޕެކްޓަރ އަސްލަމް މުހައްމަދު ވިދާޅުވެފައި ވެއެވެ. 

އަސްލަމް ވިދާޅުވެފައިވާކަމަށް ދުބާއީގެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ގެއްލުނު އަންހެން މީހާ މިހާތަނަށް ފެނިފައި ނުވިނަމަވެސް، މި ކޭސް އަދިވެސް އަދި އޮތީ ތަހުގީ ކުރެވެމުންދާ ކޭސްއެއްގެ ގޮތުގައެވެ. "މިހާތަނަށް އެއްވެސް ހިލަމެއް ފެނިފައެއް ނުވޭ، އެހެންނަމަވެސް، ދުވަހެއް ދުވަހަކަށް، އަންހެން މީހާ ދިރިހުއްޓާ ފެނުމުގެ ފުރުސަތު ހަނިވަމުން ދިޔަނަމަވެސް، އަދިވެސް އަހަރެމެން އުއްމީދު ކުރަނީ ދިރިހުއްޓާ ފެންނާނޭ ކަމަށް،" އަސްލަމް ޚަލީޖް ޓައިމްސް ނޫހަށް ވިދާޅުވެފައި ވެއެވެ. 

މިހާދިސާ ހިގާފައިވާކަން ޔަގީން ކޮށްދެމުން ރިސޯޓުން ބުނެފައިވަނީ، ގެއްލިފައިވާ އަންހެން މީހާ ފެނޭތޯ މުވައްސަސާތަކުގެ އެހީގައި އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި ގެސްޓުގެ އާއިލާއަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންދާކަމަށްވެސް ރިސޯޓުން ބުނެފައި ވެއެވެ. 

ސިންގގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި، ވަސްކައިޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް ރާއްޖޭގެ އިދާރާތަކުން އިތުރަށް މިހާދިސާ ތަހުގީގު ކުރަން ޖެހެއެވެ. 

"އޭނާއަކީ ފަތަން ނުހަނު ފަރިތަ މީހެއް، އަދި މޮޅު އެތުލީޓެއް. ރާއްޖޭގެ ގޮޑު ދޮށުގެ، ތިލަ، ފަޅު ތެރޭގައި އޭނާ ފެތިގެން ދިއުމަކީ މުސްތަހީލް ކަމެއް. އަދި ފެތުނު ކަމުގައި ވާނަ، ހަށިގަޑު މަދު ދުވަސްކޮޅެއްގެ ތެރޭގައި މައްޗަށް އަރާނެ،" ސިންގ އާއިލާގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ އުދޭ ސިންގ، ބުނެފައި ވެއެވެ. 

"މިއީ މުޅި ހަޔާތް ބަރުބާދުވުން ކަހަލަ ކަމެއް. އޭނާ އިނީ ވިހަން ކައިރި ވެފަ. އަހަރެމެން ގަބޫލު ކުރަނީ ކަނޑުފޭރޭ މީހުން އޭނާ ކިޑްނެޕް ކުރީ ކަމަށް، މިއީ ދިވެހި ރައްޖޭގައި އާންމު ކަމެއް. އެހެންވެގެން، އޭނާ ފެނިދާނޭ ފަދަ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަސް 100،000 އެމެރިކާ ޑޮލަރުގެ ބޮޑު އިނާމެއް އަހަރެމެން ހުށަހަޅާފައި ވަނީ، އެއީ އޭނާ ހޯދުމަށް އެހީތެރި ވެދިނުމުގެ ގޮތުން،" ސިންގ ބުނެފައި ވެއެވެ. 

ރައްޖެއަކީ، ކަނޑުފޭރުން އާންމު ތަނެއްކަމުގައި ސިންގ ތުހުމަތު ކޮށްފައިިވި ނަމަވެސް، ކަނޑުފޭރުމުގެ އެއްވެސް ހާދިސާއެއް މިހާތަނަށް ރާއްޖޭގެ ސަރަހައްދެއްގައި، ނުވަތަ ރިސޯޓަކުން މީހަކު ގެއްލިފައިވާ އެއްވެސް ހާދިސއަކާ ގުޅިގެންވެސް ހިގާފައެއް ނުވެއެވެ. އަދި ގެއްލިފައިވާ އަންހެން މީހާ ކަނޑުފޭރޭ މީހުން ކިޑްނެޕް ކޮށްފައިވާ ކަމަށް، އޭނާގެ ފިރިމީހާ ސިންގ ގަބޫލުކުރާ ސަބަބަތުތަކެއް އޭނާ އަދި ހާމަކޮށްފައެއްވެސް ނުވެއެވެ. 

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ކުރިން މައުލުމާތު ދީފައިވަނީ، ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓުގެ މެނޭޖްމަންޓް ގުޅިގެން ކުރަމުންދާ މަސައްކަތުގައި 54 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ކަނޑުމަގުން ބަލާފައިވާ ކަމުގައެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138،000 އަކަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްވެސް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށްވެސް އެމްއެންޑިއެފްއިން މައުލުމާތު ދީފައި ވެއެވެ. އަދި މީގެ އިތުރުން ކައިރީގައި ހުރި ފަޅުރަށްތައްވެސް ވަނީ ބަލާފައެވެ.  

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިހާތަނަށް ކުރި މަސައްކަތުން އަދި މި މީހާ ފެނިފައެއް ނުވެއެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.