މިދިޔަ އަހަރު ޤައުމު ހިންގީ އެޗްޕީއޭއިން

މިދިޔަ އަހަރު ޤައުމު ހިންގީ އެޗްޕީއޭއިން

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 06:41
0

މިދިޔަ އަހަރު ރާއްޖެ ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް މިއަދުގެ ޖަލްސާގައި ރައްދުދެއްވަމުން ސަލީމް ވިދާޅުވީ، ރައްޔިތުން ހޮވިކަމަށް ބުނާ ވެރިއަކު މާލިމީއަކަށް ހުރެގެން ވެރިކަމުގެ ނައު ދަތުރުކުރިކަމުގެ އިޙުސާސެއް ރައްޔިތުންނަކަށް ނުކުރެވޭކަމަށެވެ. ބަދަލު ހިފުމުގެ ރޫޙު އިސްކޮށްގެން، މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގާ ރާއްޖޭގާ މިހާރު ކުރަމުން ދަނީ ޚުދުމުޚުތާރު އާއިލީ ވެރިކަމެއްކަމަށާއި، ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހުރީ އާރާސްތުކަމެއް ނެތް، ބަނަ ދުނިޔެއަކަށް ސަލީމް ވިދާޅުވިއެވެ.

ޤައުމުގެ މިސްރާބު ބަދަލުކޮށް، ދިވެހިރާއްޖެ އަލުން ދިވެހިންނަށް ހޯދައިދިނުމަށްޓަކާ، ދިވެހި ރައްޔިތުންގެ ޙައްޤުގާ، ދިވެހި ރައްޔިތުންނާއެކުގާ މަސައްކަތްކުރާ ބައެއްގެގޮތުގާ އަޅުގަނޑުމެން ވާދަވެރި އޮޕޮޒިޝަން އަބަދުވެސް ތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން.

– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް

ސަލީމް ދެއްވި ރައްދުގައި ވިދާޅުވީ، ރާއްޖެއަށް ކޯވިޑް އައުމާއެކު ސަރުކާރުން އެޗް.ޕީ.އޭއަށް ރައްޔިތުންގެ ހުރިހާ ކަމެއް ސަރުކާރުން ދޫކޮށްލާފައިކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހުރިހާ ކަމެއް ބޮއްސުން ލާފައިވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެޗް.ޕީ.އޭ ގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލުވާލާ، އެ މުއައްސަސާ ސިޔާސީކޮށް، އެމުއައްސަސާގެ ނަން ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްފައި. އަތޮޅުތެރެއަށް ކޯވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުތައް ކުރުމުގެ ސަބަބުން. ކޯވިޑް މެނޭޖް ކުރުމުގާ ސަރުކާރުވަނީ އިހުމާލުވެފާ. ދިވެހިރާއްޖެއަކީ އުފެދުމުގައި ވެސް ވަކިވަކިން ހުރި ރަށްތަކަކަށްވާއިރު، ރަށްރަށަށް ބަލި ފެތުރެމުން ދިއުމަކީ، ޚާއްޞަކޮށް އައްޑޫސިޓީއާ ފުވުއްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި އާދަޔާ ޚިލާފަށް ކޯވިޑު ފެތުރެން ފެށުމަކީ ޞިއްޙީ މާހިރުން ހަދާފައިވާ އުޞޫލުތަކަށް ސަރުކާރުން އިޙުތިރާމު ނުކުރުމުގެ ސަބަބުން މެދުވެރިވި ކަމެއް.

– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް

ސިޔާސީ ބޭނުންތަކުގައި ޚާއްޞަ ހުއްދައިގެ ދަށުން ސަރުކާރުން ރަށްރަށަށް މީހުން ފޮނުވައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް މިހެން ވިދާލުވެފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އިދިކޮޅު މެންބަރުންނަށް ރަށްރަށަށް ނުދެވޭއިރު، ކެމްޕެއިންކުރުމަށް ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި އަދި ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ ވެރިން ކަރަންޓިން ނުވެ ރަށްރަށުގައި ޢާންމުންގެ ތެރޭގައި އުޅޭ މައްސަލައަށް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޯ ހަލާކު
މަޖުލިސް ކިތައް ޖަލްސާ އަށް ހާޒިރު ވިން ތަ ކޮބާ މީހާގެ ލަދު