ވެރިކަމަށް އައުމަށް ހެދޭ އެއްބަސްވުންތަކުގައި ޤާނޫނީ ހުރަހެއް ނެތް: އޭޖީ

ވެރިކަމަށް އައުމަށް ހެދޭ އެއްބަސްވުންތަކުގައި ޤާނޫނީ ހުރަހެއް ނެތް: އޭޖީ

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 12:53
0

ސިޔާސީ ޕާޓީތައް، އެެއް ޕާޓީން އަނެއް ޕާޓީއަށް ވާގިވެރިވާން އެއްބަސްވުންތައް ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށާއި ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެފަދަ އެއްބަސްވުމަކަށް ރައީސް އިހުތިރާމް ކުރައްވަން ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށްބުނެ އެކަމުގައި ޤާނޫނީ ގޮތުން އޮތްގޮތެއް ސާފުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ މަސްއޫސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަައަށް ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ އޭޖީ ވިދާޅުވީ، ކޯލިޝަން އެއްބަސްވުމަކީ ދެ ސިޔާސީ ޕާޓިއެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމަށާއި، އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނަކަމެއް ނޫންކަމަށެވެ. ނަމަވެސް އެއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށާއި، ކޯލިޝަން އެއްބަސްވުމަކީ ޞައްހަ އެއްބަސްވުމެއްތޯ ނުވަތަ ނޫންކަން ދައުލަތުގެ ބަންޑާރަ ނާއިބު ނުނިންމަވާނެކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

ދެ ސިޔާސީ ޕާޓިއެއްގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ކިހިނެއްތޯ ދައުލަތުގެ ބަންޑާރަ ނާއިބަށް އެއްޗެއް ދެންނެވޭނީ. އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނާނެ ކަމެއް ނޫނޭ. ކޯޓްގައި އެ މައްސަލަ ޗެލެންޖުކުރަން މީހަކު ހުށައަޅައިފިނަމަ އެ ފުރުޞަތު އެބައޮތް ހަމަ. އެކަމު އަޅުގަނޑަކަށް ނުދެންނެވޭނެ އެއީ ޤާނޫނީ ގޮތުން ސައްހަ އެއްބަސްވުމެކޭ، ޞައްޙަ ނޫން އެއްބަސްވުމެކޭ. އެކަން ނިންމަވާނީ މައްސަލަ ބައްލަވާ ފަނޑިޔާރުން. ޤާނޫނު އަސާސީގައި އޮންނާނީ ދައުލަތަށް ލަފާދެއްވާ ބޭފުޅެއްގެ ގޮތުގަ ބަންޑާރަ ނާއިބު.

– އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު

ބަންޑާރަ ނާއިބު ވިދާޅުވީ، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ނުފުއްދި ލަސްވެގެން އަދި އުޅޭން ނުޖެހޭކަމަށާއި، ރައީސްގެ ވަޢުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުުއްދުމަށް ވެވަޑައިގެންފައިވާ ވަޢުދެއްކަމަށެވެ. ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކަށް ދޭންޖެހޭ ޙިއްސާ ދަމަހައްޓަވާނެކަމަށާ، މިސަރުކާރު ދެމިއޮންނާނީ ކޯލިޝަނެއް ސަރުކާރެއްގެގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމުވީފަހުން އުފެދުނު ކޮންމެ ސަރުކާރެއްވެސް އިންތިޚާބުވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަރުކާރު ހިންގާތާ މިސަރުކާރަށް މިވީ މުއްދަތާ ހަމައަށް ކޯލިޝަން އޭގެ ޒާތުގައި ދެމިއޮތް ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރެވެ.

2008ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ރޫޅުނީ 21 ދުވަހުންނެވެ. 2013ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން އެސަރުކާރަށް ގާތްގަނޑަކަށް އަހަރެއްވީތަނާ ވަނީ ރޫޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.