ސަރުކާރު ތެރޭގައި އޮތީ ޖިންސީ ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމާ ކޮރަޕްޝަން: ޝިޔާމް

ސަރުކާރު ތެރޭގައި އޮތީ ޖިންސީ ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމާ ކޮރަޕްޝަން: ޝިޔާމް

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 11:23
0

މިސަރުކާރުގެ ތެރޭގައި އޮތީ ދީނަށް ފުރައްސާރަކުރުމާއި، ޖިންސީ ފުރައްސާރަ ކުރާ މީހުން ހިމާޔަތްކުރުމާއި، ކޮރަޕްޝަންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުލުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް، ޕީޕީއެެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ދެއްވި ޖަވާބާއި ގުޅިގެން، ޝިޔާމް ވިދާޅުވީ، ސަލީމް ދެއްވީ ފުރިހަމަ އަދި ތަފްސީލީ ރައްދެއްކަމަށެވެ. ރިޔާސީ ނަޔާނުގެ ޖަވާބަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި އޮތީ ދީނަށް ފުރައްސާރަކުރުމާއި، ޖިންސީ ފުރައްސާރަ ކުރާ މީހުން ހިމާޔަތްކުރުމާއި، ކޮރަޕްޝަންކަމަށެވެ.

ރިޔާސީ ބަޔާނަށް މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން ސަލީމް ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގާ ބަޔާންކޮށްފައިވާއިރު، ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުޞަތުދެމުން އަންނަަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައި މާލޭގެ ކުޅިވަރު އެކުވެނީގައި އެފަދަ ކަމެއް ބާއްވާފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ. މިއީ އިސްލާމްދީނާ ޤައުމު ދެކެ ލޯބިވާ އެތައް ބަޔަކު ކަންބޮޑުވާ ކަމެއްކަމަށާއި، ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާވެސް ޚިލާފު ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.

އަދި ސަލީމް ވިދާޅުވީ، ދައުލަތުން ގެއްލިފައިވާ މުދަލާ ފައިސާ ހޯދުމުގެ ނަމުގާ ސަރުކާރުގެ ބައިތެލްމާލުން ޚަރަދުކުރާގޮތަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފާ ނުވާއިރު، ޚާއްޞަކޮށް އެމް.އެމް.ޕީ.އާރ.ސީގެ ގެއްލު ފައިސާގެ އެއްވެސް މިންވަރެއް ހޯދިދާނެކަމުގެ އުންމީދެއް ނެތްއިރު، އެ ކޮމިޝަން ހިންގަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. އެހެންކަމުން އެއީ ބޭކާރު ކޮމިޝަނެއްކަމަށް ވިދާޅުވެ އެ ކޮމިޝަންތައް އުވާލުމަށް ސަލީމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ސަލީމް ވިދާޅުވީ، އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އެތައް ކަމެއް ރާއްޖޭގައި ހިނގަމުންދާއިރު، އެކަންކަމަށް އިންޞާފު ނުލިބުމަކީ ޖިންސީ ތަފާތު ކުރުމެއް، އަންހެނުންގެ ޙައްޤުތަކާ އެ ކަނބަލުންގެ ކަރާމާތާ އެކަނބަލުންގެ އިޙުސާސްތަކާމެދު ޣާފިލުވެފައިވާކަން އަންގައިދޭ ކަމެއްކަމަށެވެ. އަދި ދައުލަތުގެ މުދަލާ ފައިސާ ބޭނުންކޮށްގެން އަންހެނުންނަށް ޖިންސީ ގޯނާކުރާ މީހުން މިނިވަންކޮށް، އެފަދަ އަމަލުތައް ދައުލަތުގެ މުދާ ބޭނުންކޮށްގެން ހިންގާ މީހުންގެ ޝަރީޢަތް ސިއްރުކޮށް، އެފަދަ މީހުންނަށް ސަރުކާރުން ޙިމާޔަތްދީ، ރާއްޖޭން ފުރޭނެ ހީލަތްތެރި ގޮތްތައް ރާވައިދިނުމަކީ ސަރުކާރުން އަންހެނުންގެ ކަރާމަތާ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް އިޙުތިރާމު ނުކުރާކަން އަންގައިދޭ ކަމެއްކަމަށްވެސް ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ސަލީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.