ރާއްޖޭގެ ހުރިހާކަމެއް ބޮއްސުންލީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އަށް ރައްޔިތުންގެ ހުރިހާ ކަމެއް ދޫކޮށްލުމުންކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ދެއްވި ޖަވާބުގައެވެ.
ސަލީމް ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އަށް ރައްޔިތުންގެ ހުރިހާ ކަމެއް ދޫކޮށްލުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހުރިހާ ކަމެއް ބޮއްސުން ލާފައިވާކަމަށާއި، އެޗް.ޕީ.އޭ ގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލުވާލާ، އެ މުއައްސަސާ ސަރުކާރުން ސިޔާސީކޮށްފައިވާކަމަށެވެ. އަދި އެމުއައްސަސާގެ ނަން ބޭނުންކޮށްގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްފައިވާކަމަށާއި، އަތޮޅުތެރެއަށް ކޯވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުތައް ކުރުމުގެ ސަބަބުންކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ކޯވިޑް މެނޭޖް ކުރުމުގައި ސަރުކާރު އިހުމާލުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އުފެދުމުގައި ވެސް ވަކިވަކިން ހުރި ރަށްތަކަކަށްވާއިރު، ރަށްރަށަށް ބަލި ފެތުރެމުން ދިއުމަކީ، ޚާއްޞަކޮށް އައްޑޫސިޓީއާ ފުވުއްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި އާދަޔާ ޚިލާފަށް ކޯވިޑު ފެތުރެން ފެށުމަކީ ޞިއްޙީ މާހިރުން ހަދާފައިވާ އުޞޫލުތަކަށް ސަރުކާރުން އިޙުތިރާމު ނުކުރުމުގެ ސަބަބުން މެދުވެރިވި ކަމެއް. ސިޔާސީ ބޭނުންތަކުގައި ޚާއްޞަ ހުއްދައިގެ ދަށުން ސަރުކާރުން ރަށްރަށަށް މީހުން ފޮނުވައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް.
– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުއަޙްމަދު ސަލީމް

ސަލީމް ވިދާޅުވީ،ކޯވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ސަރުކާރުން ބުނާއިރު، އެފައިސާ ދޫކޮށްފައިވަނީ ދެފުށް ފެންނަ، އިންޞާފުވެރި، ހަރުދަނާ ނިޒާމެއް ޤާއިމު ނުކޮށްކަމަށެވެ. އެ ފައިސާ ދޫކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މީހުންނަށްކަމަށް ޢާންމުން ދެކޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަލީމް ވަނީ ކުރިއަށް އޮތްތަނުގައި ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާކަންކަމުގެ އިތުބާރު ރައްޔިތުންނަށް، ދެފުށް ފެންނަގޮތަށް ކަންކަން ތަރުތީބު ކުރުމާއެކު، ފަތުރުވެރިކަމުގެތެރޭގައި ވަޒީފާ ގެއްލުނު ޒުވާނުންގެ ވަޒީފާ ލިބެމުންދާކަން ކަށަވަރު ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެތެރޭގާ ރައްޔިތުން ބިރުން ތިއްބާ، ފާޅުކަން ބޮޑުގޮތެއްގާ ފެނިގެން ދިޔައީ، ގިނަ ވުޒާރާތައް ގުޅިގެން، ވެންޓިލޭޓަރާއި އެހެނިހެން ބައެއް ތަކެތި ހޯދުމުގެ ނަމުގާ ކޮރަޕްޝަންގެ ވަރަށް ބޮޑެތި ޚިޔާނާތްތަކެއް ހިންގިތަން. ކޯވިޑާ ގުޅިގެން އެތައް ކޮރަޕްޝަނެއް ހިންގަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއް ނުހުއްޓުވާ، އަދި ހިންގި ކޮރަޕްޝަންގެ އަމަލުތަކަށް ބީރު ކަންފަތެއް ދިނުމަކީ މިސަރުކާރު ފާސިގުވެފައިވާ މިންވަރު އަންގައިދޭ ކަމެއް.
– ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުއަޙްމަދު ސަލީމް
ކޯވިޑްގެ މިޙާލަތުގެ ބޭނުން ނަހަމަގޮތުގައިކޮށް، ސަރުކާރުން ކޮރަޕްޝަންގެ އެކިއެކި ޢަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރައްވާ ސަލީމް ވަނީ އެކަންކަން ތަޙްޤީޤު ނުކުރެވުމަކީ އަދި އެފަރާތްތަކަށް އަދަބު ނުދެވޭކަމީ ހިތާމަކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އެކަމުން ސަރުކާރުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަކޮށްދޭކަމަށްވެސް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ