އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމުގެ ނަތީޖާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ވިދާޅުވީ، އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށެވެ. އަދި އެންމެ ފަހުގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އދގެ ސްޕެޝަލް ޕްރިސީޖަރސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ހުޅުވާލެވިފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްޤުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ޤަނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިޤާލީ އިންސާފު ޤާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.
ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްޤުތަކަށް ސަމާލުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް މިކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ފަލަސްތީނުގެ މުސްލިމުންނާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާރޗް އަށެވެ. އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް ދިވެހިރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެއެވެ. އަދި އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ ޔޫ.ޕީ.އާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެއެވެ.
ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވަރޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ