ޕޮލިސް ބޯޑަށް ހާމިދު ޢަބްދުލްޣަފޫރާއެކު ފަސް ބޭފުޅަކު ކުރިމަތިލައިފި

ޕޮލިސް ބޯޑަށް ހާމިދު ޢަބްދުލްޣަފޫރާއެކު ފަސް ބޭފުޅަކު ކުރިމަތިލައިފި

Author
މުޙައްމަދު ޖިމީ
23 ފެބްރުއަރީ 2021 09:31
0

ފުލުހުންގެ ބޯޑަށް ޢާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ 2 މެންބަރުން ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާގައި ވަނީއިޢުލާންކޮށްފައެވެ.

ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ފަސް ބޭފުޅުންނަކީ:

1- ލަބީގު މުޙައްމަދު މާހިރު/ މ.މަނަދޫ ވިއު
2- ޒުބައިރު އަޙްމަދު މަނިކު/ ގ.މަލްވިނަ
3- ޒީނަތު ޢަލީ/ ދަފްތަރު 2616
4- ޢަލީ މުޙައްމަދު މަނިކު/ ދަފްތަރު 1851
5- ޙާމިދު ޢަބްދުލް ޣަފޫރު/ ހ.ޝޭޑީ ކޯނަރ

މި ފަސް ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު ޕޮލިސް ބޯޑަށް އައްޔަންކުރުމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށެވެ. މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.