ބޭރުގެ އަސްކަރީ މަރުކަޒެއް ކޮންމެހެންވެސް ރާއްޖޭގައި ހުންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
މުޙައްމަދު ރަޝީދު ވިދާލުވީ، ރާއްޖޭގައި އަސްކަރީ މަރުކަޒެއް އޮތުން މުހިންމު ވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ވެސް ހިމާޔަތްކުރުމަށްކަމަށެވެ.
އަޅުގަނޑަށް އެންމެ ދެރައީ އެންމެ ކަމެއް. އެއީ މިތާގައި މިލިޓަރީ ބޭސްއެއް ސިފައިންގެ ނެތް. މިތާ ހަމަ އިންނަންޖެހޭ މިލިޓަރީ ބޭސްއެއްވެސް. އެއީ ބޭރުގެ އިންވެސްޓްމަންޓްތަކާއި މިހިތރަ ހުރިހާ އިންވެސްޓްމަންޓްތަކެއް އަޅުގަނޑުމެންނަށް ޕްރޮޓެކްޓްވެސް ކުރެވޭނެ. އިއްޒަތްތެރި ރައީސް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެބަހުރި. މިއީވެސް ހަމަ ކޮންމެހެން ހުންނަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން.
– ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު

މުޙައްމަދު ރަޝީދު ވިދާޅުވީ، ރާއްޖެ ހާލުގައި ޖެހޭ ކޮންމެ ފަހަރަކުވެސް އެންމެ ފުރަތަމަވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ އިންޑިއާކަމަށެވެ. ޒަމާނުއްސުރެ އެކުވެރިކަމުގައި އޮތް ރާއްޖެ އާއި އިންޑިއާގެ ގުޅުމާމެދު ބަޔަކު ކަންބޮޑުވެގެން އުޅެނީ އުތުރު ތިލަފަޅުގައި ބަނދަރު އެޅުމުން އޭގެ ސަބަބުން އެބަޔަކު ކުރަމުން އައި ކަންކަމަށް ދަތިވާނެތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ރާއްޖެއިން އިންޑިއާއާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެކަމަށް ޚަބަރު އޮންލައިނަށް ވަނީ އެނގިފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެ އުތުރު ތިލަފަޅު ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންޑިއާގެ އަސްކަރިއްޔާގެ ފަންނީ މީހުން 15 އަހަރަށް އެތަނުގައި ގާއިމްވެ ތިބުމުގެ ހުއްދަ އެއްބަސްވުމުގެ ދަށުން ލިބިދޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމުގެ ނަމަކީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެވެ.
ކޮމެންޓު ފޮނުވާ