އުތުރު ތިލަފަޅު އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް

އުތުރު ތިލަފަޅު އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް

Author
މުޙައްމަދު ޖިމީ
22 ފެބްރުއަރީ 2021 12:02
0

ދިވެހި އަސްކަރިއްޔާގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ތަރައްޤީކުރުމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކުު ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅައިފިއެވެ. ކުއްލި މައްސަލަ ހުށައެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވީ، އުތުރު ތިލަފަޅުގައި ސިފައިންނަށް ޚައްޞާ ބަނދަރެއް ތަރައްޤީކުރުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަކާއި ނުލައިކަމަށެވެ. އިންޑިއާ ސަރުކާރުން އުތުރު ތިލަފަޅުގައި ބަނދަރެއް ތަރައްޤީކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިންޑިއާއިން ހުށައެޅިކަމަށާއި، ނަމަވެސް އިންޑިއާއިން ހުށައެޅި ކަންކަން އޭރުގެ ސަރުކާރަށް ކަމު ނުދިޔައީކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތަށް ކުރީ ސަރުކާރުން ނިންމެވި އިންޑިއާއިން ހުށައެޅި ކަންކަމަކީ ރާއްޖޭގެ ޤައުމީ މަސްލަހަތަށް ރަނގަޅު ކަމަކަށް ނުވާތިކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައަކީ ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެއްކަމަށް ބުނެ މަޖިލީހުގެ ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ އެއީ މަޖިލީހަށް ހުށައެޅޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ ޝިޔާމް ހުށައެޅުއްވި ކުއްލަ މައްސަލައަކީ މަޖިލީހުގެ ޤަވާއިދުގެ ދަށުން ބަލައިގަނެވޭނެ މައްސަލައެއްކަން މަޖިލީހުގެ ކައުންސިލް ޖެނެރަލް ލަފާދެއްވާފައިވާކަމަށެވެ.

އުތުރު ތިލަފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ހުރި ކަންކަން ހާމަކުރުމަށް ގޮވާލާ ހުށައެލުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 51 މެންބަރުންގެ ވޯޓުންނެވެ.

ޝިޔާމް ކުއްލި މައްސަލަ ހުށައަޅުއްވަމުން ގެދިޔަ ވަގުތުވެސް އެކަމާއި ދެކޮޅަށް ބައެއް މެންބަރުން ނިޒާމީ މައްސަލަ ނަގަމުން ގެންދެވިއެވެ. އެގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްވެސް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެއީ މަޖިލީހަށް ބަލައި ގަނެވޭނެ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއީ ސިފައިންގެ އެއްބަސްވުންތަކަކީ ހަމަކުރަންޖެހޭ މަޢުލޫމާތެއް ނޫންކަމަށް ހައިކޯޓުން ޢަމުރުކޮށްފައިވާކަމަށްވެސް އާޒިމް ވިދަޅުވިއެވެ. ނަމަވެސް ހައިކޯޓުން އެފަދަ ނިންމުމެއް ނިންމާފައި ނުވާކަަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢިދުކުރާމެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ހޫނު ބަހުސްއެއް ކުރިއަށް ދިޔައެވެ. މި ކުއްލި މައްސަލާގައި، ބަހުސްކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުޞަތު ދިނުމަށްވެސް މަޖިލީހުގެ ތަޅުމުން ފާސްކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.