އުތުރު ތިލަފަޅު ތަރައްްޤީކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމަވާފައިވަނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީކުރުމަށްކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއަށް ޑޮކްޔާޑަކާއި ބަނދަރެއް ތަރައްޤީ ކުރުމަށް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދާއިމަށް ދިވެހިރާއްޖޭގައި ތިބެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.ސުބްރަމަނިއަމް ޖައިޝަންކަރެވެ.
އެކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީން ސަރުކާރުގެ އެންމެ ފަހުން ހުންނެވި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އުތުރު ތިލަފަޅު ތަރައްޤީކުރުމުގެ ޝަޢުޤުވެރިކަން އިންޑިއާއާއި އެނޫންވެސް އެހެން ބައެއް ޤައުމުތަކުން ފާޅުކޮށްފައިވާކަަމަށެވެ. ނަމަވެސް އުތުރު ތިލަފަޅު އޮތް ސަރަހައްދުގެ ގޮތުން އެތަން އެއްވެސް ޤައުމަކަށް ތަރައްޤީކުރުމަށް ނުދީ، ދިވެހި ސަރުކާރުން ތަރައްޤީކުރުމަށް ރައީސް ޔާމީން ނިންމެވިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު ތަރައްޤީކުރުމުގެ ޝަޢުޤުވެރިކަން އިންޑިއާގެ އިތުރުން އެހެން ބައެއް ޤައުމުތައްވެސް ފާޅުކުރި. ނަމަވެސް އުތުރު ތިލަފަޅަކީ ސްޓްރެޓެޖިކް ލޮކޭޝަނަކަށް ވާތީ ރައީސް ޔާމީން ނިންމެވީ އެއްވެސް ބަޔަކާއެކު ތަރައްޤީކުރުމުގެ ބަދަލުގައި ސަރުކާރުގެ ވަސީލަތް ބޭނުންކޮށްގެން ސިފައިން ތަރައްޤީކުރަން.
– މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު
އިންޑިއާ ސަރުކާރާއެކު އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުމުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 (އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔައްތުގައި ވާހަކަދައްކަވަމުން ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް މި މަޝްރޫޢުއާއެކު ޙައްލު ލިބިގެންދާނެކަމަށާއި، އެކަށީގެން ބަނދަރެއް ނެތުމުގެ ސަބަބުން، އެންމެ ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. އެގޮތުން ބޮޑެތި އުޅަނތައް ތޮއްޓާ ކައިރިކުރެވޭނެ ގޮތެއް ނެތުމާއި ކަނޑުމަތީގައި އުޅަނދުތައް ބަހައްޓަން ޖެހުމުގެ ސަބަބުން މެއިންޓަނަންސްއ މައްސަލަ ދިމާވާ މިންވަރު އަވަސްކަން ފާހަގަކުރެއްވިއެވެ.
އޭނާ ޑޮކްޔާޑެއް ނެތުމުގެ ސަބަބުން މިހާރު އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކްޔާޑަށެވެ. އަދި މިކަމަށް ބޮޑެތި ހޭދަތަކެއް ކޮންމެ އަހަރަކުވެސް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދަޅުވީ އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއެއް ނުތިބޭނެ ކަމަށާއި ތިބޭނީ ޓެކްނިކަލް ފަރާތްތަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ