ޢާންމު ތަންތަނުގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރާ މީހުންނާމެދު ދަޢުވާކުރާއިރު، ސޯޝަލް މީޑިއާގައިވެސް އެފަދަ ބަސްތައް ބޭނުންކުރާ މީހުންގެ މައްޗަށް ދަޢުވާ ކުރެވެންވާނެކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައިވަނީ މާލޭގެ މޭޔަރުކަމަށްވާާދަކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. އަލްހާން ވަނީ އޭނާ ޓެގްކޮށްގެން ބޭއަދަބީ ބަހުން މުޚާޠަބްކުރާ މީހުން މީގެފަހުން ވަގުތުން ބްލޮކް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ޢާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލުތައް ކުރުމުގެ ޤާނޫނުގެ ކުށް ކަނޑައެޅުމުގެ މާއްދާއާއެކު ހައިލަމް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޢާންމު ތަންތަނުގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ ކުށަކަށްވާއިރު، މަގުމަތީގައި އެފަދަ ބަސްތައް ބޭނުންކުރާ ފަރާތްތަކާމެދު ދަޢްވާކުރާ އުޞޫލުން ސޯޝަލްމީޑިއާގައި ހަޑިހުތުރު އެއްޗެހި ކިޔާ ފަރާތްތަކާމެދުވެސް ދަޢްވާކުރެވެން ވާނެކަމަށެވެ.

ހައިލަމް މިހެން ވިދާޅުވެފައިވާއިރު، މަގުމަތީގައި ބައެއްގެ މެދުގައި ޒުވާބުކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކުރާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ޝަރިޢަތް އޮތް ދުވަހެއްގައި ކްރިމިނަލް ކޯޓް ސަރަހައްދުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ހަޑިހުތުރު ބަސް ބޭނުންކުރިކމުގެ ތުހުމަތުގައި ދައުލަތުން އަންނަނީ އޭނާގެ މައްޗަށް ދަޢުވާ ކުރަމުންނެވެ.
ގާނޫނުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުމަށް ލިބޭ އެންމެ ބޮޑު އަދަބަކީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށް ތަކުރާރުވުމާއި އެފަދަ ކުށްތަކުގެ ރިކޯޑަށް ބަލައި އެމީހަކަށް ލިބޭ އަދަބު ދަރަޖަ ކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ