ސަރުކާރުން ހަވާލުވި ހުރިހާ ކަމެއް ވަނީ ބޮއްސުންލާފައި: ޑރ.ޖަމީލް

ސަރުކާރުން ހަވާލުވި ހުރިހާ ކަމެއް ވަނީ ބޮއްސުންލާފައި: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
21 ފެބްރުއަރީ 2021 05:17
0

މިސަރުކާރުން ޙަވާލުވި ހުރިހާކަމެއް ބޮއްސުންލައިފައިވާކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢޫގެ ދަށުން ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި ތިން ކެޓަގަރީއެއްގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ވިދާޅުވީ، މުޅި ޤައުމަށް ފެންނަން އޮތް ކަމެއްގައި ސަރުކާރު ދޮގުހަދާފައިވާކަމަށެވެ. އަދި ނިމިފައި ހުރި ފްލެޓްތަކެއްގެ ލިސްޓް 2 އަހަރުވީއިރުވެސް ނުނިންމުނުކަމަށާއި، އަގުހެޔޮކުރަން ވަޢުދުވެ، ފްލެޓްތަކުގެ ބޮޑުކުރީކަމަށްވެސް ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ.

މުޅި ޤައުމަށް ފެންނަން އޮތް ކަމެއްގައި ސަރުކާރު މިވަނީ ދޮގުހަދާފައި. ނިމިފައި ހުރި ފްލެޓްތަކެއްގެ ލިސްޓް 2 އަހަރުވީއިރުވެސް ނުނިންމުނު.އަގުހެޔޮކުރަން ވަޢުދުވެ، ކުރީ އަގުބޮޑު.ތިޔަވަރުގެ ކަމެއް ނުވި ބަޔަކު ގުންފައިޖަހާފައި ކައުންސިލޭ ނުކިޔާ!ޙަވާލުވި ހުރިހާ ކަމެއް ބޮއްސުންލައިފި.

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ޑރ.ޖަމީލް މިހެން ވިދާލުވެފައިވާއިރު، މިސަރުކާރުން ފްލެޓް ނުދިނުމަށް ކަނޑައެޅި ތިން ކެޓަގަރީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ކެޓަގަރީތަކުން ފޯމްލީ ހުރިހާ އެންމެނަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކެޓަގަރީތަކެވެ.

ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމާފައިވާ ކެޓެެގަރީތަަކީ:

1- H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
2- H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
3- H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))

ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުން ކޮށްފައިވާ ޢާންމު އިޢުލާންގައި ވަނީ 2018 ވަނަ އަހަރު “ހިޔާ” މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުކަމަށް ބުނެފައިވެއެވެ.

އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، “ހިޔާ” މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، “ހިޔާ” މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް އިޢުލާންގައިވެއެވެ.

އެހެންކަމުން ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުގެ އިޢުލާންގައިވެއެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ނުދިނުމަސް ސަރުކާރުން ނިންމާފައިވާއިރު، އެއް ކޮޓަރީގެ ފްލެޓްތަކަށް އެދުނު ހުރިހާ އެންމެނަށްވެސް ފްލެޓް ދޭން ކުރީ ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް ކުރީ ސަރުކާރުން ފްްލެޓްތައް ދިނުމަށް ނިންމާފައިވަނީ ގޯސްކޮށްކަމަށް ބުނެ، މިސަރުކާރުން ވަނީ ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި އެ ކޮމިޓީން ފެލެޓްތަކުގެ މައްސަލަތައް ބަލައި ދެކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން މިހާރު ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ.

ނަމަވެސް މިސަރުކާރުން ފެލެޓް ދީފައިވަނީ ސަރުކާރައި ގާތް މީހުންނަށްކަމަށާއި، އެންމެ ހާލުގައި ދިރިއުޅޭ އަދި ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ދީފައި ނުވާކަމުގެ ކަންބޮޑުވުމާއި ޝަކުވާާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތައްވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.