Ad
ޝަހީބު ޕީއެންސީ ކައުންސިލުން ވަގުތީގޮތުން ސަސްޕެންޑްކޮށްފި

ޝަހީބު ޕީއެންސީ ކައުންސިލުން ވަގުތީގޮތުން ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 08:35
0

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހީމް ވަގުތީ ގޮތުން ކައުންސިލް މެމްބަރުކަމުން ސަސްޕެންޑް ކޮށްފި އެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަހީބުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަގައި ވަކިގޮތެއް ނިމެންދެން ޕީއެންސީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުގެ ދަށުން ޝަހީބް ކައުންސިލް މެމްބަރުކަމުން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ޝަހީބްއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުވެސް ފުރުއްވައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަ ޝަހީބަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެންމެ އިސް އެކަކު ކަމަށް، ތުހުމަތުކުރެވޭ މީހާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޑްރަގްގެ ބޮޑު މައްސަލާގައި ހައްޔަރުކުރި ޝަހީބްގެ ވަނަވަރު މިއަދު އާންމުކުރުމާއިއެކު ގިނަބައެއްގެ ފާޑުކިޔުންވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންނެވެ. ޙާއްސަކޮށް ޕީޕީއެމް ޕީއެންސީއާއި އިދިކޮޅު ފަރާތްތަކުންދަނީ ސޯޝަލް މީޑިޔާގައި ވަރަށްބޮޑަށް އެކޯލިޝަނަށް ފާޑުކިޔަމުންނެވެ.

ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 130 ކިލޯ ހުރިކަމަށާއި، ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި މީހަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަހްމަދު މޫސާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.