ފިލްމީ ތަރި ޖެކުއަލިން ފެރްނަންޑޭޒް އާ އަހަރު ފަށައިފައިވަނީ އޭނާގެ ފިލްމު "ސާކަސް"ގެ މަސައްކަތުން ނެވެ. މިވަގުތު ޖެކުއަލިން ދަނީ "ބޫތު ޕޮލިސް"ގެ މަސައްކަތާއި "ސާކަސް"ގެ މަަސައްކަތްތައް ބަހާލައިގެން ކުރަމުންނެވެ.
މި މަސައްކަތްތަކުގައި މަސްޢޫލުވެ އުޅެމުން އޭނާ ވަނީ އާ އެޕާޓްމަންޓަކަށް ބަދަލުވެފައެވެ. މި އެޕާޓްމަންޓަކީ ޕްރިޔަންކާ ޗޯޕްރާގެ އެޕާޓްމަންޓެކެވެ.
މީގެ ދުވަސްތަކެއް ކުރިން ޚަބަރު ލިބިފައިވާ ގޮތުގައި ޖެކުއަލިން ވަނީ މުމްބާއީގައި ހުރި ޕްރިޔަންކާގެ އެޕާޓްމަންޓަށް ކުލި ދައްކާގޮތަށް ބަދަލުވެފައެވެ.
އެގޮތުން އޭނާވަނީ އެ ބިލްޑިންގެ ހަތަރުވަނަ އަދި ފަސްވަނަ ފަންގި ފިލާ މިދިޔަ އަހަރުގެ އޮކްޓޫބަރު 23ގައި ނަގާފައެވެ. މިތަން ކުއްޔަށް ނަގާފައިވަނީ 3 އަހަރަށެވެ. ނުވަތަ 36 މަހަށެވެ. އަދި މަހެއްގެ މައްޗަށް މި ތަނަށް 6.78 ލައްކަ ރުޕީސް ދައްކަން ޖެހެއެވެ.
މަސައްކަތުގެ މާހައުލަށް ބަލައިލާއިރު ޖެކުއަލިން މިހާރު މަސައްކަތް ކުރަނީ "ސާކަސް" ފިލްމުގެ ޝޫޓިންއަށެވެ. މި ފިލްމުން ޖެކުއަލިން އިތުރުން ރަންވީރް ސިންގ އަދި ޕޫޖާ ހެގްޑޭ ފެނިގެންދާނެއެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރ ރޯހިތު ޝެއްޓީއެވެ. އަދި މި ފިލްމުން ޖޯނީ ލިވާ އާއި ވަރުން ޝަރްމާވެސް ފެނިގެން ދާނެއެވެ.
މީގެ އިތުރުން އޭނާވަނީ ސައިފް އަލީ ޚާންއާއި އަރުޖުން ކަޕޫރު އަދި ޔަމީ ގޯތަމް އާއި އެއްކޮށް "ބޫތު ޕޮލިސް"ގެ ވެސް ޝޫޓިންގ ފަށާފައެވެ.
ސްރީލަންކާއަށް ނިސްބަތްވާ ބޮލީވުޑްގެ އެކްޓަރ ޖެކުއަލިން އެންމެ އަވަހަށް ދެން ފެނިގެން ދާނީ "ބައްޗަން ޕާންޑޭ" އަދި "ކިކް 2″ އިންނެވެ.