ރައްޔިތުންގެ މަޖިލީހަކީ ދައުލަތު ތިންބާރުގެ ތެރެއިން އެއްބާރެވެ. އެއީ ގާނޫނު ހެދުމުގެ ބާރެވެ. އަދި އެއީ ދައުލަތުގެ އިސްވެރިންގެ ތެރެއިން ރައީސުލް މުޖްހުރިއްޔާގެ ފިޔަވާ، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ މަގާމްތަކުގައި ތިއްބަވާ ހަމައެކަނި ބޭފުޅުންވެސްމެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލިސް އަބަދުވެސް ވެގެން ދަނީ ހުރިހާގޮތަކުންވެސް ތަފާތު މުވައްސަސާއަކަށެވެ. ނަތީޖާއެއްގެ ގޮތުން ބޭއްވޭ ކޮންމެ މަޖިލިސް އިންތިޚާބެއްގައިވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ހުރިހާ ސިޔާސީ ޕާޓީއަކުންވެސް މަސައްކަތް ކުރެއެވެ. އަދި ވަކިން ޚާއްސަކޮށް ސުޕަރ މެޖޯރިޓީއަށް ޕާޓީތަކުން އުއްމީދު ކުރެއެއެވެ.
ރައްޔިތުން އިންތިޚާބުތަކުގައި ޕާޓީތަކަށް ސުޕަރ މެޖޯރިޓީ ދިންކަމުގަވިޔަސް ސުޕަރ މެޖޯރިޓީ މި އަންނަނީ ޕާޓީތަކުން ކުރާމަސައްކަތްތަކާއި ވައުދުކާއިވެސް އެކީގައެވެ. ޕާޓީތަކުގެ މެމްބަރުން ޕާޓީތަކަށް ވޯޓު ދިންކަމުގައި ވިނަމަވެސް، އިންތިޚާބުވުމަށްފަހު، މެމްބަރުންގެ ފަރާތުންނާއި ޕާޓީތަކުންނާއި އަދި ސަރުކާރުގެ ކިބައިންވެސް ރައްޔިތުން ކުރާ އުއްމީދުތަކެއް ހުރެއެވެ.
ސުވާލަކީ މަޖިލިސް އިންތިޚާބުވެގެން ދިއުމަށްފަހު މިއުއްމީދުތަކުގައި ހަގީގީ ކުލަޖެހިގެން ދޭތޯއެވެ. މަޖިލިސް އުފެއްދުންތެރި ގޮތުގައި މަސައްކަތް ކުރޭތޯއެވެ. ލިބޭ މެޖޯރިޓީގެ ބޭނުން އެމަޖިލީހުގައި އެންމެ ރަގަޅަށް ހިފަމުންދޭ ތޯއެވެ.
ފާއިތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވިގެން ދިޔައީ 2014 ވަނަ އަހަރުގައެވެ. އޭރު ވެރިކަމުގައި އޮތީ 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕީޕީއެމް ކޯލިޝަންއެވެ. އޭރުގެ އިދިކޮޅު އެމްޑީޕީއާއި ވާދަކޮށް 2014ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޕީޕީއެމް ކޯލިޝަނުން ކާމިޔާބުކޮށް، ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ހޯދައިދިނެވެ. 2014ގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްއިން އެކަނި 33 ގޮޑި ކާމިޔާބު ކުރިއެވެ. ޕީޕީއެމްއާއި އެކު ކޯލިޝަންގައި ތިބި ޕާޓީތަކުން 85 ގޮޑީގެތެރެއިން ޖުމްލަ 53 ގޮޑި ކާމިޔާބު ކުރިއެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 26 ގޮޑިއެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ގާނޫނު އަސާސީ ބަދަލުކުރުން ފިޔަވާ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ފަސޭހަކަމާއިއެކު ނިންމުމުގެ ފުރުޞަތު ސަރުކާރަށް މަޖިލީހުގެ ތެރެއިން ލިބިގެންދިއުމެވެ. އަދި މަޖިލިސް ބޭނުންކޮށް ދައުލަތުގެ މިނިވަން މުވައްސަސާތައް ސަރުކާރުގެ ބާރުދަށަށް ގެނެސް، މުޅި މަޖިލީހަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ފަހިކޮށް، އެންމެފަހުން ގާނޫނު އަސާސީ ބަދަލު ކުރެވޭވަރަށް އޭރުގެ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ކަށަވަރު ކުރިއެވެ. ނަޖީތާ ނުކުތީ ވަރަށް ހިތިކޮންނެވެ. ކޮރަޕްޝަނާއި ފަސާދަ ދަޢުލަތުގެ ތެރޭގައި އާންމުވެ، މިނިވަން މުވައްސަސާތަކާއި ޖުޑީޝިއަރީއަށް ދާންދެން ޤުރުބާންވެގެން ދިޔައީއެވެ. އެންމެފަހުން ރައީސުލް ޖުމުހޫރިއްޔާ ބޭނުންފުޅުވީމަ ޚުދު ރައްޔިތުން އިންތިޚާބުކުރި މަޖިލިސް މެމްބަރުން މެމްބަރުކަމުން ވަކިކުރުމާއި ހަމައަށް ހާލަތު ބަދަލު ވެގެންދިޔައީއެވެ. ނަތީޖާއެގެ ގޮތުން ޤައުމުގައި އުފެދިގެންދިޔަ ސިޔާސީ ކޯޅުންތަކާއި ހަސަދައާއި ނަފްރަތާއި އަދި އަނިޔާވެރިކަމުގެ އަސަރުތައް އަދިއަދަށް ދާންދެން ދިގުދެމިގެން ދިޔައީއެވެ.
އޭގެ ދައުރެއްފަހެވެ. ވެރިކަން ބަދަލުވީއެވެ. ހަމަ ކޯލިޝަން ސަރުކާރެއްގެ އަތްމަޗަށް ވެރިކަމުގެ ބާރުތައް އައީއެވެ. ވެރިކަމުގައި ތިބިފަރާތްތަކުން ކުރި ވައުދުތަކާއި އަހުދުތަކުގެ މައްޗަށް ރައްޔިތުން ވޯޓުދީ މަޖިލީހަށް މެމްބަރުން އިތިޚާބުކުރީއެވެ. 2019 ވަނަ އަހަރު ބޭއްވިގެންދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާ ނިކުތީ އަދި އިހުނަށްވުރެ ބޮޑު މެޖޯރިޓީއެއް ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުން ދީގެންނެވެ. މުޅި ރާއްޖޭގެ ތާރީޚުގައިވެސް ޕާޓީއަކަށް ނުދޭވަރުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ވެރިކަން ކުރާ އެމްޑީޕީއަށް ދިނީއެވެ. ސުޕަރ މެޖޯރިޓީއެވެ. މަޖިލީހުގެ 87 ގޮޑީގެ ތެރެއިން 65 ގޮޑީ އެޕާޓީން ކާމިޔާބު ކުރީއެވެ. ފަސޭހަކަމާއިއެކު ގާނޫނު އަސާސީ ބަދަލުކުރުމުގެ އިޚްތިޔާރު މަޖިލީހުގައި އެއް ޕާޓީއެއްގެ އަތްމައްޗަށް ރައްޔިތުން ދޫކޮށްލިއެވެ.
ނަތީޖާއަކީ ކޮބައިތޯއެވެ. ޖުޑީޝިއަރީގެ ޙަޤީޤީ މައްސަލައަކީ ޖޭސްސީގެ ކޮމްޕޮޒިޝަން ކަމުގައި ބުނަމުންދިޔަ ފަރާތްތަކައް ޖޭއެސްސީއަށް ވަނުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. ޖޭއެސްސީއަށް ވަންނަވާ އެންމެ ފުތަތަމަވެސް ނެންގެވީ އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމެވެ. މަޖިލިސް ރައީސް މަޖިލީހުގެ ރިޔާސަތުގަވެސް އިންނަވަނީއެވެ. ޖޭއެސްސީގަވެސް އިންނަވަނީއެވެ. އަދި ވިދާޅުވަން ފެއްޓެވީ، އިދިކޮޅު ޕާޓީވެސް، ދިވެހި ރައްޔިތުންވެސް މިއަދު ބޭނުންވަނީ އެމަނިކްފާނު ޖޭއެސްސީގައި އިންނެވުމަށްކަމަށެވެ.
ޖުމްލަ ނަތީޖާއަކީ ކޮބައިތޯއެވެ. މަޖިލީހުގެ ރައީސްއަކީވެސް އެމަނިކްފާނެވެ. ޖޭއެސްސީގަވެސް އެމަނިކްފާނެވެ. ރާއްޖޭގައިއޮތް ބޮޑު ދެ ސިޔާސީޕާޓީންކުރެއް އެއްޕާޓީގެ ރައީސަކީވެސް އެމަނިކްފާނެވެ. އެމަނިކްފާނުގެ މަޖިލިހުގެ ރިޔާސަތުގަ އިންނަވައިގެން، ކޯޓުތަކުގެ އެތަކެއް ފަނޑިޔާރުންނެއް މަޤާމުން ވަކިކުރެވިއްޖެއެވެ. ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރެވިއްޖއެވެ. ހުރިހާ މިވަން މުވައްސަސާއެއްގެ މެމްބަރުން މިދަނީ ބަދަލުވަމުންނެވެ. އަދި އެވަރުންވެސް ފުދުނީއެއް ނޫނެވެ. މަޖިލިހުގެ ރިޔާސަތު މިއަދު ވެގެން މިދިޔައީ އެމަނިކްފާނު ސިޔާސީ ސްޓޭޓްމަންޓު ހައްދަވާ މަގާމަކަށެވެ. މަޖިލީހުގެ ގަވާއިދުގައި ކަޑައެޅިގެން، މިޖިލީހުގެ ރިޔާސަތަކީ ބަހުސްގައި ބައިވެރި ނުވެވޭނެ، އަދި ސިޔާސީ ވާހަކަ ނުދެއްކެވޭނެ މަގާމެއްކަން ސާފުކޮށް ބަޔާންކޮށްފަ އޮތްކަމުގައި ވީނަމަވެސް މިއިންކަމެއް ފާހަގަ ކުރެއްވޭނެ މެމްބަރަކުވެސް މިއަދު މަޖިލީހުގަ ނެތެވެ.
ޕާޓީގެ މެމްބަރެއްގެ މައްސަލަ އޭސީސީއަށް ވަނުމާއި އެކު އޭސީ ގޯސްވެއެވެ. ޕާޓީގެ މެމްބަރެގަ މައްސަލަ އެކޮމިޝަނުން ބޭރު ކޮށްލައިފިނަމަ އެކޮމިޝަން ރަގަޅުވެއެވެ. އަމިއްލަ ޕާޓީގެ ވަޒީރުން ނޫން އެހެން ހުރިހާ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް އެވަޒީރުންނަން އިންޒާރުދީ، ފުރައްސާކުރެވޭ ކަމީ މިއަދު އާންމު ކަމެކެވެ. ތަފާތުރުކުރުންތައް އިންތިހާގައެވެ.
އޮތީ ސުޕަ މެޖޯރިޓީއެވެ. އެހެންނަމަވެސް ހާލަތަކަށް ބަދަލެއް ނައެވެ. ފެނިގެން ދިޔައީ ސުޕާރ މެޖޯރިޓީ ލިބުން ބާރުތައް މުށުތެރެއަށް ޖަމާކުރި މަންޒަރެވެ. އަމިއްލަ ޖާހަތު ބޮޑުކޮށް، ދައުލަތުގެ މުވައްސަސާތަކާއި، މުޅި ޖުޑީޝަރީ މުށުތެރެއަށް ލެވިގެންދިޔަ ތަނެވެ. ތެދުފުޅެކެވެ. މެޖޯރިޓީ ދިނީ ރައްޔިތުންނެވެ. ޒިންމާ ވާން ޖެހޭނީވެސް ރައްޔިތުންނެވެ. ކަށަވަރުވެ ޔަގީންވެގެން މިދަނީ ރައްޔިތުންނަށް ނުވިސްނޭހާ ހިނދަކު ޙާލަތު ބަދަލުވުމެއް ނެތްކަމެވެ.