ރޯޑްޝޯވތައް ހިމަނައިގެން ރާއްޖޭން މި އަހަރު ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ 44 ފެއާއެއްގައި ބައިވެރިވާން ނިންމައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އާންމުކުރި މި އަހަރު ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތަކުގެ ލިސްޓުގައި ރޯޑްޝޯވތަކާއެކު ދުނިޔޭގެ މަޝްހޫރު ބޮޑެތި ފެއާތައް ވެސް ހިމެނެ އެވެ.
އެގޮތުން އަންނަ މާރިޗު މަހު ތިން ފެއާއެއްގައި ރާއްޖެއިން ބައިވެރި ވުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފެއާ އޮންނާނީ އަންނަ މަހު 16 އިން 18 އަށް މޮސްކޯގަ އެވެ. މީގެ އިތުރުން އަންނަ މަހު 22 ވަނަ ދުވަހު އިންޑިއާގައި އޮންނަ ރޯޑްޝޯވ އަކާއި ހަމަ އެގައުމުގައި އަންނަ މަހު 24 ވަނަ ދުވަހު އޮންނަ ރޯޑްޝޯވ އެއްގައި ވެސް ރާއްޖެ ތަމްސީލުކުރާނެއެވެ.
އާންމުކޮށް ރާއްޖެއިން ބައިވެރިވާ މަޝްހޫރު ޓޫރިޒަމް ފެއާ ތަކުގެތެރެއިން މި އަހަރު ރާއްޖޭން ބައިވެރިވާ ފެއާތަކުގެ ތެރޭގައި، މެއި 16 އިން 19 އަށް ޔޫއޭއީގައި އޮންނަ އެރެބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއާ އާއި ސްޕޭންގެ ފިތޫރު ފެއާ އާއި ދުބާއީ އެކްސްޕޯ 2021 އާއި ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އާއި އައިޓީބީ އޭޝިއާގެ އިތުރުން ޑަބްލިއުޓީއެމް ލަންޑަން އާއި އައިޓީބީ ޗައިނާ ފެއާ ހިމެނެއެވެ.
ރާއްޖޭން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ގިނަ ރޯޑްޝޯތައް އަމާޒުކޮށްފައިވަނީ ރާއްޖެއަށް މިއަހަރު މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އިންޑިއާ އާއި ރަޝިއާ އަށެވެ. މީގެ އިތުރުން ރާއްޖެއަށް މީގެކުރިން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު ކަމަށްވާ ޗައިނާގައި ވެސް ރޯޑްޝޯތައް ބާއްވާނެ އެވެ.
ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ސަރުކާރުން މި އަހަރު ވެސް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް އެމްއެމްޕީއާރުސީއަށް ކަނޑައަޅާފައި ވެއެވެ.
ކޮމެންޓު ފޮނުވާ