އެމެރިކާގެ ސެނެޓުގައި ނަގަން ހަމަޖެހިފައިވާ، އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމްޕީޗްމަންޓް ވޯޓު ނެގުން އަވަސްކޮށް، މިހަފްތާގައި ސެނެޓްގެ ޝަރީއަތް ފެށުމަށް، ސެނެޓްގެ ދެޕާޓީގެ ލީޑަރުން މަޝްވަރާ ކުރުމަށްފަހު އެއްބަސްވެއްޖެއެވެ.
މިއީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ދެފަހަރަށް ނަގާ ފުރަތަމަ ފަހަރެވެ.
ސެނެޓުގެ ރިޕަބްލިކަން ޕާޓީއާއި އަދި ޑިމޮކްރަޓިކް ޕާޓީގެލީޑަރުންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށްފަހު އެއްބަސް ވެފައިވަނީ، މުޅި އިމްޕީޗަމްންޓް ޓްރައަލްއަށް 4 ދުވަސް ޚާއްސަކުރުމަށެވެ. މިގޮތުން، ސެނެޓަށް، ޓްރަމްޕްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަޔާންކޮށް ދައުވާ ހުށެހެޅުމަށް ހަމަޖެހިފައިވާ، އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ މެނޭޖަރުންނަށާއި، އަދި ޓްރަމްޕުގެ ދިފާޢީ ޓީމަށްވެސް ހަމހަމަަ ފުރުސަތު މި ޓައއިމްލައިންގައި ލިއްބައިދޭނެކަމަށް ސެނެޓްގެ މެޖޯރިޓީ ލީޑަރ ޗަކް ޝޫމާރ ވިދާޅުވިއެވެ.
"ހުރިހާ ޕާޓީއަކުންވެސް މިހާރުވަނީ، ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ފުރުސަތު ލިއްބައިދޭނެ، ކުރީގެ ރައީސްގެ ސެނެޓް އިމްޕީޗްމަންޓް ޓްރައްލްގެ އޮނިގަޑަށް މިހާރު އެއްބަސްވެފަ،" އޭނާ ވިދާޅުވިއެވެ.
"ހުރިހާ ފަރާތަކަށް އެމީހުން ބޭނުންވާ ހުއްޖަތްތައް ހުށަހެޅުއްވުމަށް މިހާރު އެކަށީގެންވާ ވަގުތު ލިބިގެންދާނެ،"
އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ފާއިތުވެދިޔަ މަހު ވަނީ، "މުވައްސަސާތަކުގެ މައްޗަށް ދެކޮޅުވެރިކަން އިސްކުރުމުގެ" ތުހުމަތުގައި، ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނުނިމެނީސްވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ، އޭނާ އިމްޕީޗް ކޮށްފައެވެ. ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ޓްރްމަޕް އިމްޕީޗް ކޮށްފައިވަނީ، ޖެނުއަރީ 6 ވަނަ ދުވަހު އޭނާގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ހިނގާ އިމާރާތް، ކެޕިޓަލް ހިލްއަށް ވަދެގަނެ، މީހުންނަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ހިންގި ހަމަނުޖެހުންތަކަށް އޭނާ ހިތްވަރު ދީފައިވާކަމަށް ތުހުމަތު ކޮށެވެ.
އެހެންނަމެވެސް، ޓްރަމްޕްގެ ލޯޔަރުންވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ސެނެޓުގައި ދެޕާޓީގެ ލީޑަރުން އެއްބަސްވެފައިވާ އުސޫލަށް ބަލާއިރު، ހައުސް މެނޭޖަރުންނަށާއި އަދި ޓްރަމްޕްގެ ލޯޔަރުންނަށްވެސް، ކޮންމެ ފަރާތަކަށްވެސް، އެފަރާތެއްގެ ހެއްގާއި ގަރީނާ، އަދި ހުށަހެޅުންތައް ހުށަހެޅުމަށް، ދެދުވަހުގެ މަތިން 16 ގަޑިއިރު ލިބޭނެއެވެ.
މީގެ 2 ހަފްރާ ކުރިން، ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ވަނީ، ކެޕިޓަލް ހިލްއަށް ދިން ހަލަމާގެ ޒިންމާ ޓްރަމްޕް ނަންގަވަން ޖެހޭ ކަމަށް ނިންމާ، ސެނެޓްގައި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފުރުތަމަ މަރުހަލާ ފުރިހަމަ ކޮށްފައެވެ. މި ހަމަ ނުޖެހުމާއި ގުޅިގެން ޓްރަމްޕް ކުއްވެރިވާ ކަމަށް އެމެރިކާގެ ސެނެޓުން ނިންމައިފިނަމަ، އެމެރިކާގެ ރައީސްކަމުގެ މަގާމަށް އިތުރަށް ވާދަކުރުމުގެ ފުރުސަތު ޓްރަމްޕަށް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި މީގެ އިތުރުން ސެނެޓުގައި އޮތް، (އިމްޕީޗްމަންޓް ޓަރިއަލް) އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅުންހުރި މިޝަރީއަތުގައި ކަންވެގެންދާ ގޮތަކުން، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އެތަކެއް އިނާޔަތްތަކަކުން ޓްރަމްޕް މަހުރޫމު ވެގެން ދިއުމުގެ ފުރުސަތުވެސް އެބައޮތެވެ.
ކުރީގެ ރައީސުންނަށް ޕެންޝަން ފޯރުކޮށްދޭ ގާނޫނު ބުނާގޮތުން، މަގާމުގައި ހުންނަވަނިކޮށް، މަގާމުން ދުރުކުރެވޭ ރައީސުންނަށް އެގާނޫނުގެ ދަަށުން އެއްވެސް އިނާޔަތެއް ލިބިގެން ނުދާނެއެވެ. އެހެންނަމަވެސް، ގާނޫނު ހަދާ މަޖިލިހުގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ޓްމްޕްގެ އިތުބާރު ނެތްކަމުގެ ވޯޓުނަގާފައި ވާއިރު، އަދި މިހާރު މައްސަލަ ސެނެޓްގައި އޮވެފައި، ސެނެޓުން ކޮންމެ ގޮތަކަށް ނިންމި ކަމުގައިވި ނަމަވެސް، ދެން ޓްރަމްޕް މަގާމުން ދުރުކުރެވޭ ރައީސަކަށް ވެގެން ނުދާނެއެވެ. ސަބަބަކީ، ޓްރަމްޕް ވެރިކަމުގެ 4 އަހަރުގެ ދުއުރު ފުރިހަމަ ކުރައްވާފައިވާތީއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ނޯތު ކެރޮލީނާގެ ލޯ ޕްރޮފެސަރ މައިކަލް ގާރހާރޓް ވިދާޅުވާ ގޮތުގައި، ޓްރަމްޕް ކުއްވެރިވާކަމަށް އެމެރިކާގެ ސެނެޓުން ނިންމައިފި ނަމަ، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ޓްރަމްޕަށް ލިބި ވަޑައިގަންނަވާ ޕެންޝަންގެ އިނާޔަތްތައް ޓްރަމްޕަށް ހައްގު ނުވާނެކަމަށް ނިންމުމަށްޓަކާ ސެނެޓުން ދެވަނަ ވޯޓަކަށް ދާން ޖެހޭނެއެވެ. ގާރހާރޓް ވިދާޅުވާ ގޮތުގައި، ދެވަނައަށް ނެގޭ ވޯޓަކުން، ކުރީގެ ރައީސްގެ މަގާމުން ސެނެޓަށް ޓްރަމްޕް ދުުރުކުރެވިދާނެއެވެ. އެފަދަ ހާލަތެއްގައި، ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ޓްރަމްޕަށް ލިބިވަޑައިގަންނަވާ ހުރިހާ އިނާޔަތަކުން ޓްރަމަޕް މަހުރޫމް ވެގެން ދާނެއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްއިން ވަނީ 2019 ވަނަ އަހަރުވެސް ޓަރަމްޕްގެ އިތުބާރު ނެތްކަމަށް ނިންމާފައެވެ. އެހެންނަމެވެސް، އެފަހަރު، ޓަރަމްޕް މަގާމުން ދުރުކުރެވޭ ވަރަށް ސެނެޓުގައި ވޯޓު ހަމަކުރެވިފައެއް ނުވެއެވެ.