މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެއަށްވަނީ 4،373 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރު މިހާތަނަށް އެއްދުވަހާ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހެވެ.
މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ނުނީ ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަނަވަރީ މަހުގެ 3 ވަނައަށް ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ.

އިއްޔެ މިއަދަދަށް ފަތުރުވެރިން ރާއްޖެ އައުމާގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް، ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ މެދެއްހާ ހިސާބު ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި މިހާރު ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވުމުން މިކަމަށް އިތުރު ބާރެއް ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިއްޔެ ރާއްޖެއައި 4،373 ފަތުރުވެރިންނާއެކު މި ފެބްރުވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 21،489 އަށް އަރާފައެވެ. އަދި މުޅި މިއަހަރު ރާއްޖެއަށް މިހާތަނަށް 113،592 ފަތުރުވެރިން މިވަނީ އައިސްފައެވެ. މިއަދަދު ތަކާއެކު ރާއްޖެއަށް މި ހިނގާ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،070 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.

މި އަހަރުގެ ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށްވެސް ރާއްޖެއަށް އެންމެގިނައިން އައީ ރަޝިޔާ އާއި އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރަޝިޔާއަށް ނިސްބަތްވާ 25،548 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. އަދި އިންޑިއާއަށް ނިސްބަތްވާ 24،171 ފަތުރުވެރިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ