ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ޔަޒީދު އަޙްމަދު އައްޔަނުކުރައްވައިފި އެވެ.
ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުމަށް ޤާނޫނު ނަންބަރު 2020/26 ("ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު") ގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަނުން ޔަޒީދު އައްޔަންކުރެއްވީ މިއަދު އެވެ. ޔަޒީދު އަޙްމަދު މި މަޤާމަށް އައްޔަނުކުރުމާ ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ޔަޒީދާ ބައްދަލުކުރައްވާ ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް އޭނާގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޔަޒީދު އަޙްމަދަކީ، ސަރުކާރުގެ އެކި މަޤާމުތަކުގައި 17 އަހަރު ޚިދުމަތްކޮށް އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއަރ މަޤާމުތަކުގައި އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޔަޒީދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ކަމުގެ މަޤާމެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ.
ޔަޒީދު ކިޔަވާ ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިންގ ދާއިރާއިންނެވެ. އޭނާ ވަނީ މިދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު ބުނާގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އެވެ.
ކޮމެންޓު ފޮނުވާ