Ad
ކޯވިޑް-19: އިތުރު 50 މީހަކު ޕޮޒިޓިވްވެ، 50 މީހަކު ރަނގަޅުވެއްޖެ

ކޯވިޑް-19: އިތުރު 50 މީހަކު ޕޮޒިޓިވްވެ، 50 މީހަކު ރަނގަޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 09:59
0

ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 50 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް މާލޭ ސަރަޙައްދުން 46 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކާއި ރިސޯޓުތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗް.ޕީ.އޭއިން ޢާއްމުކުރައްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 48 މީހުންނަކީ ދިވެހިންނެވެ. އަދި މިއަދު ޕޮޒިޓިވްވީ 2 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ އަދަދުވަނީ 11،000 އާއި ގާތްކޮށްފަ އެވެ. މިއަދުގެ އަދަދުތަކާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ  10،993 އަށް އަރާފަ އެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީވެސް 50 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9883 އަށް އިތުރުވެފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 28 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 35 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1118ގައި އުޅޭއިރު 384 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. މިބަލި ޖެހިގެން އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންދަނީ 67 މީހުންނަށެވެ. މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 4 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 5 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއިދެމުންދާއިރު، ބައްޔާއިމެދު އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މިބައްޔަކީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވުމުން އަމިއްލަ ސާފުތާހިރުކަމަށާއި، އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކށޮށްފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.