ރަންނަމާރި އެރި ޒަމާނުގައި ރަންނަމާރި ދެކެ ދިވެހިން ބިރުގަތް މިންވަރަށްވުރެ އިތުރަށް އިތުރަށް އެމްޑީޕީން މިހާރު އިންތިޚާބު ދެކެ ބިރުގަންނަ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމިންގެ ލޯޔަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޢަބްދުﷲ ޔާމިންގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގެއްގައި ބަޔާނެއްގައި ސޮއިކުރުމަށް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމާގުޅިގެން ފުލުހުންގެ އިދާރާއިން ވަކީލުންގެ ޓީމު ނުކުމެ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޖަމީލް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބުނަމުން ގެންދިޔައީ އެމީހުން އެންމެ ލޯބިވާ އެއްޗަކީ އިންތިޚާބު ކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީން އެންމެ ބިރުގަންނަ އެއްޗަކީ މިނިވަން އިންސާފްވެރި އިންތިޚާބު ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އިންސާފްވެރި އިންތިޚާބެއް ދެކެ އެމްޑީޕީން މިއަދު ބިރުގަނޭ ރަންނަމާރި އެރި ޒަމާނުގައި ރަންނަމާރި ދެކެ ދިވެހިން ބިރު ނުގަންނަ މިންވަރަށް"
– ޑރ. ޖަމީލް
ޖަމީލް ވިދާޅުވީ އެމްޑީޕީން އެންމެ ގަދައަށް މީގެކުރިން ވަކާލާތު ކުރަމުން އައި އިންސާނީ ހައްގުތަކާއި، ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކާއި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ފަދަ ކަންކަމަކީ މިހާރު އެޕާޓީން ތާޢީދު ކުރާކަންކަން ކަމުގައި ނުފެންނަ ކަމަށެވެ.
"މިނިވަން އިންސާފުވެރި ޝަރުޢީގެއެއް އެއީ އެމްޑީޕީން މިހާރު ގަބޫލުކުރާ ކަމެއް ނޫން"
– ޑރ. ޖަމީލް
އަދުގެ ސަރުކާރު ގެނައުމުގައިވެސް މަސައްކަތް ކުރެއްވި ޑރ. ޖަމީލް ވަނީ އެމްޑީޕީއާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޝައުޢީ ދާއިރާއާއި ފުލުހުންވެސް މިހާރު ހިނގަމުންދަނީ ސީދާ އެމްޑީޕީ ބޭނުންވާގޮތަށް، އެމްޑީޕީގެ ނުފޫޒުގެ ދަށުންކަމަށެވެ. އަދި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުން ދެކެވެސް އެމްޑީޕީ ބިރުގަންނަ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ތެރެއިން މިހާރު ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ