އެޗްއީއޯސީގެ ފަރާތުން އެމަޖެންސީ ކުއްލި ޕްރެސްކޮންފަރެންސެއް މިއަދު ހަވީރު16:30 ގައި ބާއްވަން ނިންމައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ފަރާތުން އެމަޖެންސީ ޕްރެސްއެއް ބާއްވަން ނިންމާފައި މިވަނީ ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ. ބެލެވޭގޮތުގައި ރާއްޖޭގެ ކޯވީޑްގެ ހާލަތު ފާއިތުވި މަހު ރަނގަޅުވުމާއެކު ދީފައިވާ ބައެއް ލުއިތަށް އަލުން ހަރުކަށިކުރުން ފަދަ، ސަރުކާރުގެ މުހިންމު ނިންމުންތަކެއް މި ޕްރެސްކޮންފަރެންސްގައި ހާމަކުރާނެއެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވާގޮތުން 215 މީހުން ކޯވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވި އަދަދާއި އެއްވަރުގެ އަދަދެކެވެ.
ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވަނީ ކޯވިޑްގެ 3 ވަނަ ރާޅެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އާންމުކޮށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ކުޑަ ނުކުރުމަށް ސިއްހީ މާހިރުން ގެންދަނީ އިރުޝާދު ދެމުންނެވެ.
އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ގިނައިން އަތްދޮވުމާއި މާސްކް އެޅުމާއި ބަލިން ރައްކާތެރިވުމަށް ބަހައްޓަން ޖެހޭ ގައިދުރުކަން އަބަދުވެސް ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމެވެ. އެއާއެކު ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މީހުން އާއްމުންގެ ތެރެއަށް ނުކުމެ ނޫޅުމަށްވެސް ސަމާލުކަން ދޭންޖެހެއެވެ.
ކޮމެންޓު ފޮނުވާ