މިދިޔަ ރިޔާސީ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ފައިސާގެ ބައެއް ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެފައިސާއަށް ފާރިސް ޚިޔާނަތްތެރިވެފައިވާކަމަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސަޢީދު ފުލުހަށް ހުށައަޅާފައިވާ މައްސަލާގައި ދިޔާނާ ފުލުހަށް ބަޔާންދީ ހެކި ހުށަހަޅައިފި އެވެ.
މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެފައިސާ ހޯދުމަށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.
މި މައްސަލަ ދިޔާނާ ފުލުހުންނަށް ހުށައަޅާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލާގައި ދިޔާނާ ވަނީ މިއަދު ފުލުހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާނެއް ނަގާފައެވެ. ދިޔާނާ ވިދާޅުވީ ބަޔާނާއެކު މައްސަލައާ ގުޅޭ ބައެއް ހެކިވެސް ފުލުހުންނަށް ދެއްވާފައިވާނެ ކަމަށެވެ.
މި މައްސަލައާގުޅޭގޮތުން ދިޔާނާ ވިދާޅުވީ މި މައްސަލަ ހިފައިގެން ފުލުހުންނާއި ހަމައަސް ގޮސް މައްސަލައާއެކު ކުރިއަށްދާން މަޖުބޫރުވީ 2 އަހަރު ދުވަސް ވާންދެން ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމަށްފަހު ކާމިޔާބު ނުވުމުން ކަމަށެވެ. އަދި ރައީސް މައުމޫނާއި ފާރިޝްވެސް އެފައިސާ ނަގާފައި ނުވާކަމަށް އެކިފަހަރު މަތިން ބުނެ އެކަން ދޮގުކުރަމުން ގެންދާތި ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅަމުން ދިޔާނާ ވިދާޅުވެފައި ވަނީ، މައުމޫނަށް ޖާބިރު ފައިސާ ދެއްވިކަމަށް ތުހުމަތުކުރާ މައްސަލާގައި ދިޔާނާ ވިދާޅުވ ސިޔާސީ މަސައްކަތަށްކަމަށް ވިދާޅުވެ، ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑުބައެއް ހަވާލުކުރުމަށް ޖާބިރު އޭނާއާ ހަވާލު ކުރެއްވިކަމަށެވެ. އެގޮތުން 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ރައީސް މައުމޫންގެ ވިދާޅުވުމަށް ދަރިކަލުން ފާރިސް މައުމޫނާއި ހަވާލުކުރެއްވިކަމަށް ދިޔާނާ ވިދާޅުވިއެވެ. އެފައިސާ ހަވާލުކުރުމުގެ ކުރިން ރައީސް މައުމޫނާއި ދަރިކަލުން ފާރިސް ޖާބިރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިޔާނާވެސް ބައިވެވަޑައިގެންފައިވާކަމަށާއި، ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ދެއްވުމަށްވެސް ރައީސް މައުމޫން ހުށައެޅުއްވިކަމަށް ދިޔާނާ ވިދާޅުވިއެވެ. ނަމަވެސް ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫންގެ ބަސްފުޅު ފުދޭކަމަށް ޖާބިރު ވިދާޅުވެ އެ ރަޖިސްޓްރީ ނަންގަވާފައި ނުވާކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ދިޔާވާ ވިދާޅުވީ، މައުމޫނަށް ދެއްވި ފައިސާ މައުމޫނަށް ލިބިވަޑައިގެންފައި ނުވާކަމަށާއި، އެފައިސާއަށް ޚިޔާނާތްތެރިވެފައިވަނީ ފާރިސް މައުމޫންކަމަށެވެ. އެހެންކަމުން އެމައްސަލަ އަވަސްގޮތެއްގައި ބައްލަވައިދެއްވުމަށް ދިޔާނާ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައެވެ.
ރައިސް މައުމޫނަށް ދެއްވިކަމަށް ބުނާ ފައިސާގެ މައްސަލާގައި ޖާބިރު ކުރިން ވިދާޅުވެފައިވަނީ، ފައިސާ އަބުރާ ނުދެވުނު ތަނުގައި ވެރިކަން ލިބި މަޤާމުތައް ބެހިއިރު، އެއްވެސް ޑިމޮކްރަޓިކް ކަމެއްގައި ނޫޅުއްވާ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ބެއްސެވިއިރު، އަނބިކަނބަލުން ދިޔާނާގެ ނަން ފޮނުއްވަން ނޭގުމަކީވެސް ހިތާމަކުރައްވާކަމެއްކަމަށެވެ. މިއަދު ދައުލަތުން ބޮޑު ޕަސެންޓެއް ރައީސް މައޫނަށް ލިބިފައިވަނީ ޖާބިރުގެ މަސައްކަތުންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ