އަދުރޭގެ މައްސަލަ މާދަމާ 09:00 ގައި

އަދުރޭގެ މައްސަލަ މާދަމާ 09:00 ގައި

Author
ޢަލީ އާދަމް
30 ޖެނުއަރީ 2021 11:15
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ 09:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނީ އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށެވެ. އެމާއްދާގައި ވަނީ އާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުމުގެ ކުށްތަކެވެ. އެގޮތުން އެމާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުރުމުގެ ކުށެވެ. އެއީ ޖުނަޙްގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. މިކުށުގެ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ.

އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.