އޮޅުމަކުން ދިއްދޫ މޮނިޓަރިންގ އަށް!

އޮޅުމަކުން ދިއްދޫ މޮނިޓަރިންގ އަށް!

Author
ޢަލީ އާދަމް
30 ޖެނުއަރީ 2021 10:43
0

ކޯވިޑް-19ގެ ސަބަބުން ހއ. ދިއްދޫ މޮނިޓަރިންގއަށް ލެވިފައި ވަނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން އަންގާފައި ވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ރޭގައި ބުނެފައިވަނީ ދިއްދޫ މޮނިޓަރިންގއަށް ލެވިފައި ވަނީ އޮޅުމަކުންކަން އަންގާފައި ވާތީ އެރަށް މޮނިޓަރިންގއަށް ލުމަށް ނެރެފައިވާ ލިޔުން، ކައުންސިލްގެ ޕޭޖުން ނަގާފައިވާ ވާކަމަށެވެ.

އެރަށް މޮނިޓަރިންގއަށް ލީކަމަށް އަންގާ އެޗްޕީއޭއިން ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާކަމަށެވެ. އެގޮތުން ރަށުގައި ތިބި އެއްވެސް މީހަކު، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށް ލިޔުމުގައި ވެއެވެ.

މި ލިޔުން ދިއްދޫ ކައުންސިލަށް ފޮނުވިފައި ވަނީ އޮޅުމަކުން ކަމަށް އަންގާފައި ވާއިރު އެ އަތޮޅު މުރައިދޫ އިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެރަށުން މިފަހަރު ޕޮޒިޓިވްވީ މީގެ ކުރިންވެސް ކޯވިޑަށް ޕޮޒިޓިވް ވީ މީހެކެވެ.

މީގެކުރިން ގއ. ދެއްވަދޫގައި ކަރަންޓީނުގައި ތިބިބަޔަކު ކަރަންޓީނުން ވީއްލަން ހެދި ޓެސްޓްގެ ނަތީޖާ އޮޅިގެން ނެގެޓިވް ކަމަށްދެވުމުން އެމީހުންގެ ފަރާތުން އެރަށަށް ކޯވިޑް ފެތުރެންދިމާވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.