އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޖަހަން ވަރަށް ބޭނުން: ރައީސް ނަޝީދު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޖަހަން ވަރަށް ބޭނުން: ރައީސް ނަޝީދު

Author
ޢަލީ އާދަމް
28 ޖެނުއަރީ 2021 02:03
0

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ޖައްސަވަން ވަރަށް ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެދެނީ ވީހާވެސް އަވަހަކަށް އެ ވެކްސިން އެމަނިކުފާނަށް ލިބި، އެމަނިކުފާނުގެ ކިބައިން އެއްވެސް މީހަކަށް ކޯވިޑް ބަލި ނުޖެހުން ކަމަށެވެ.

"އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް ވެކްސިން ލިބި، އަޅުގަނޑުގެ ފަރާތުން ވެސް އެއްވެސް މީހަކަށް ބަލި ނުޖެހި، އަޅުގަނޑު ވެސް ރައްކާތެރިވެ، އެންމެން މިކަމުން ސަލާމަތްވުން،"

– ރައީސް ނަޝީދު

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނަކީ އަދި މިހާތަނަށް ޑަބްލިއުޗްއޯ އިން އެޕްރޫވް ވެފައި ވާ ވެކްސިނެއް ނޫންކަމަށާއި އެ ވެކްސިނާ މެދު އިތުބާރުނެތްކަމަށް ގިނަބަޔަކު ބުނަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހުގައިކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ 100000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ މުޅިން ހިލޭ ދީފައެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.