މިސްކިތުގައި ދިން ހަމަލާ: މަސްލަހަތު ބޮޑީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން – ޕީޖީ

މިސްކިތުގައި ދިން ހަމަލާ: މަސްލަހަތު ބޮޑީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން – ޕީޖީ

Author
ޢަލީ އާދަމް
28 ޖެނުއަރީ 2021 12:35
0

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެމީހާއަށް ދައުވާ ނުކުރުމަށް ނިންމާ ޑީޕޯޓްކޮށްލަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް އެ އޮފީހަށް ފެނުނު ކަމަށެވެ.

މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

"މައްސަލަ މި އޮފީހަށް ހުށަހެޅިއިރު ތަޙުޤީޤުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ ޑީޕޯޓްކޮށްލުމުގެ މަސްލަޙަތު ބޮޑުކަމަށް."

– ޕީޖީ އޮފީސް

އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރާ ގޮތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މިސްކިތުގައި ހަމަލާދިން އިންޑިއާ މީހާއަށް ދަޢުވާއެއް ނުކުރި

މިސްކިތުގެ ތެރޭގައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓްކޮށްލާފައި މިވަނީ، އޭނާ ޑީޕޯޓް ކޮށް ނުލައި، އޭނާއާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަބަޔަކު ގޮވާލާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.